ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުކުރެވުމުން ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ބުނެފި އެވެ.
ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި އާކް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އާކް އިން ވަނީ އެ މައްސަލަ އަވަހަށް އަދި ހާމަކަން ބޮޑުގޮތަކަށް ތަހުގީގުކުރުމަށް ގޮވާލައިފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަންޖެހޭ ކަމަށް އާކް އިން ވަނީ ބުނެފަ އެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ އަދި އިޖްތިމާއީ ދާއިރާފަދަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮތް ފަރާތްތަކުގެ ތެރޭގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުންނެވެ." އާކް އިން ބުންޏެވެ.
ހަމައެއާއެކު، އެފަދަ މައްސަލަތަކުގެ ސީރިއަސްކަން އިތުރުވެ ބޮޑެތި އަނިޔާތަކާއި މަރުގެ މައްސަލަތައް ގިނަވަމުންދާތީ ވެސް އާކް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުޑަކުދިން ރައްކާތެރިކޮށް އެކުދިންގެ ހައްގުއް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އާކްއިން ވަނީ ދީފަ އެވެ.
ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗުގައި މަރާލާފައި އޮއްވާ ރޭ ފެނުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ އެކުއްޖާ މަރާލާފައި ވަނީ ރަހީނު ކުރުމަށްފަހު ކަމަށެވެ. އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންނެވެ.
ފުލުހުން ބުނެފައިވަނީ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.