މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ޕީޕީއެމް އިން ވާދަކުރަނީ ނަރީޝް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކައުންސިލަރެއް ކަނޑައެޅުމަށް ނެގި ވޯޓު، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ކާމިޔާބު ކުރައްވައިފި އެވެ.

ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު ޕީޕީއެމް އަށް އޮތް އިރު، ޕީޕީއެމްގެ ތިން ކައުންސިލަރަކު ވަނީ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ ނަރީޝްގެ އިތުރުން، ހުޅުމާލެ ދާއިރާގެ ކައުންސިރު އިބްރާހީމް ޝުޖާއު އަދި ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.

ކައުންސިލަރުންގެ މިއަދު ނެގި ވޯޓު ނަރީޝް ކާމިޔާބުކުރެއްވީ ފަސް ވޯޓުންނެވެ. ޝުޖާއު އަދި ނަހުލާއަށް ވެސް ލިބިލެއްވީ، ކޮންމެ ބޭފުޅަކަށް ހަތަރު ވޯޓެެވެ.

އެހެންކަމުން، ޕީޕީއެމްގެ ފަރާތުން މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާނީ ނަރީޝް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިހާތަނަށް ޑެޕިއުޓީ މޭޔަރުން އިންތިހާބުކޮށްފައި ނުވަނީ މާލެ ސިޓީއަށް އެކަންޏެވެ. މާލޭގެ ޑެޕިއޓީ މޭޔަރު ހޮވާނީ މާދަމާ އެވެ.

comment ކޮމެންޓް