ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލު ފާސްކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ

އޭޕްރީލް 10، 2021: ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހައްދުފަހަނަ އެޅުމާ ދެކޮޅަށް "ހަސަން ކުރުސީ" ފެށި ޕެޓިޝަންގެ މަގުސަދު ކަމުގައި ބުނެފައި ވަނީ، އެކަކު އަނެކަކަށް ކާފަރަށް ގޮވުމާއި މީހުންގެ ބޮލުގައި ލާދީނީ ޓެގު އެޅުވުން ހުއްޓުމެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ގޮތްގޮތަށް މީހުން ލޭބަލް ކުރުމުގެ ސަބަބުން، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މާލޭގެ މަގުމަތީގައި ލޭއޮހޮރުވުން ހުއްދަވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަކީ ވެސް، ހައްދުފަހަނައެޅުމުގެ އެއް މިސާލު ކަމަށް ބުނެފައިވެ އެވެ.

އެ ޕެޓިޝަނުގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ޕެޓިޝަނުގައި ސޮއިކުރުމަށް މަޖިލިސް ރައީސް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެ ބިލު ފާސްކުރަން ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ އިރު، އެ ބިލާ ދެކޮޅަށް 101 އިލްމުވެރިއަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެ ބިލު އަނބުރާ ނެގުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ވަނީ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު، ގޯސް ކަންތައްކަމާއި އެކަންކަމުގެ ތެރެއަށް ނުވަދުމަށް އާންމުން ހޭލުންތެރިކުރުމަށް އިލްމުވެރިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު، 22 ޖޫން ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް އޮންނަނާނެ އެވެ.

ހިޔާލު މެއިލް ކުރާނީ [email protected] އަށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ފޮނުވޭނެ އެވެ.

comment ކޮމެންޓް