ތެހެރާން (މޭ 19) : އީރާނުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އިބްރާހީމް ރައީސީ، އެގައުމުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
އީރާނުގެ އިންތިޚާބުތަކާބެހޭ އޮފީހުގެ ތަންފީޒީ ވެރިޔާ އިލެކްޝަން ކޮމިޝަން އެގްޒެކެޓިވް އަލީ އަގްސަރު އަހްމަދީ ވިދާޅުވީ ވޯޓުގެ 90 ޕަސަންޓު ގުނާފައިވާއިރު އިބްރާހީމް ރައީސީ އަށް ވޯޓުގެ 62 އިންސައްތަ ލިބިފައިވާ ކަމަށާއި އެހެންކަމުން ރައީސީ ބޮޑު ތަފާތަކުން އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ވަގުތީ ނަތީޖާއިން ދައްކާ ކަމުގައެވެ.
އަލީ އަގްސަރު ވިދާޅުވި ގޮތުގައި ރައީސީއަށް 17 މިލިޔަން ވޯޓު ލިބިފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އީރާނުގެ އެކްސްޕީޑިއަންސީ ކައުންސިލްގެ ކުރީގެ ވެރިޔާ މުޙްސިން ރިޒާއީއަށް ލިބިފައިވަނީ 3.3 މިލިޔަން ވޯޓެވެ. އަދި އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިންމަތީއަށް ލިބިވަޑައިގަތީ 2.4 މިލިޔަން ވޯޓެވެ. ހަތަރުވަނައަށް ދިޔަ އާމީރު ޙުސައިން ގަޒީޒަދާހު ހާޝިމީއަށް ލިބިވަޑައިގަތީ މިލިޔަނެއްހާ ވޯޓެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 59 މިލިޔަން މީހުންނަށެވެ. އޭގެތެރެއިން ވޯޓުލުމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 28 މިލިޔަން މީހުންނެވެ. މިއީ ފާއިތުވި ސާޅީހަކަށް އަހަރުތެރޭގައި އީރާނުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން އެންމެ މަދުންމީހުން ނުކުތްފަހަރު ކަމަށް އެގައުމުގެ މީޑިއާ ބުނެއެވެ. މިފަހަރުގެ އިންތިޚާބަށް ނުކުތުމަށް ގިނަބަޔަކު ފަސްޖެހުނު އެއްސަބަބަކީ ކޮވިޑް-19 ގެ ބިރުވެރިކަން ކަމަށް ބެލެވިފައިވީނަމަވެސް ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން ޑިސްކޮލިފައި ކުރުމަށް ގާޑިއަން ކައުންސިލުން ނިންމި ނިންމުމާމެދު ހިންހަމަ ނުޖެހުމަކީވެސް މިފަހަރު ގެ އިންތިޚާބަށް ނުކުތުމަށް ބައެއްމީހުން ފަސްޖެހުނު ސަބަބެއް ކަމަށް މުރާސިލުން ބުނެއެވެ.
ރިޔާސީ ކެންޑިޑޭޓް ކަމަށް ކުރިމަތިލެއްވި ކުރީގެ ރައީސް އަހްމަދީ ނެޖާދުއާއި ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަލީ ލަރިޖާނީ ފަދަ ބޭފުޅުން ޑިސްކޮލިފައި ކުރި މައްސަލާގައި ގާޑިއަން ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އިބްރާހީމް ރައީސީ, 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީއާ ވާދަކުރައްވައިގެންވަނީ ބަލިވެވަޑައިގެންފައެވެ. އެއަހަރު ބަލިވެވަޑައިގެންނެވި ނަމަވެސް އެ އިންތިޚާބުގައިވެސް 17 މިލިޔަން ވޯޓު ހޯއްދަވައިގެން ރިޔާސީ ރޭހުގައި ދެވަނަ ހޯއްދެވީ ރައީސީ އެވެ. މިފަހަރުގެ އިންތިޚާބާ ޚިލާފަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އީރާނުގެ ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިވިއެވެ.
އުމުރުފުޅުން 60 އަހަރުގެ އިބްރާހީމް ރައީސީ މަޝްހޫރުވެފައިވަނީ ކޮރަޕްޝަނާ ވަރަށް އިދިކޮޅު ބޭފުޅެއްގެ ގޮތުގައެވެ. އީރާނުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައިގެންނާއި އޭގެކުރިން ޖުޑިޝަރީގައި އުޅުއްވިއިރުވެސް ރައީސީއަކީ ސަރުކާރުގައި ހިނގާ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ޖެހިލުމެއްނެތި ހުކުމް ކުރެއްވި ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ އާންމުންގެ ތެރޭގައި ރައީސީގެ މަޤުބޫލުކަންވަނީ އިތުރު ވެފައެވެ.
އިބްރާހީމް ރައީސީ، އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ގައުމުތަކުންނާއި އީރާނުގެ އެތެރެއިން އޭނާއަށް ގެންދަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ. އީރާނުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވި އަނެއް ތިން ބޭފުޅުންނާއި އީރާނުގެ މިހާރުގެ ރައީސް ޙަސަން ރޫޙާނީވެސްވަނީ ރައީސީ އަށް މަރުހަބާ ދަންނަވާފައެވެ. ރައީސީގެ ވާދަވެރިންވަނީ ބަލި ގަބޫލު ކުރައްވާކަންވެސް އިއުލާން ކުރައްވާފައެވެ.