ކާފިއު ވަގުތު ކުރުކޮށް, އެކަނި ކަސްރަތަށް ނުކުމެވޭ ގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅުތައްކަށް ލުއި ދީފި އެވެ.
މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވާ މިންވަރު އިންތިހާއަށް މައްޗަށް ގޮސް, މިދިޔަ މަހު 26ގައި ފިޔަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު މުއްދަތު މިރެއަށް ހަމަވާނެ އެވެ. މިއަދު ފިޔަވަޅުތަކަށް ލުއިދިން އިރު, މާ ބޮޑުތި ލުއިތަކެއް ނުދެ އެވެ.
ރައީސް އޯފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ, ކާފިއު ވަގުތު މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކުރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު, ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ބޭރަށް ނުކުމެވޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މިހާރު ކާފިއު ވަގުތަކީ ހަވީރު 4:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށެވެ.
ނަޒްލާ ވިދާޅުވީ, ހެނދުނު 8:00އިން ފެށިގެން ހަވީރު 4:00އަށް ޒަރޫރީ ބެނުންތަކަށް ބޭރުގައި އުޅެވޭނީ މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ޕާމިޓާއެކު ކަމަށެވެ.
އޭގެ އިތުރުން ދެން ދިން ބޮޑު ނުލަޔަކީ, މިސްކިތްތަކުގައި ނަމާދު ކުރުމަށް ދިން ލުޔެވެ. އެގޮތުން މިސްކިތްތަކުގައި ޖަމާއަތް ނުހެދުނު ނަމަވެސް, އެކަނި މިސްކިތްތަކުގައި ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެލޮން އަދި ބޯކޮށާ ތަންތަނަށްވެސް ވަރަށް އަވަހަށް ލުއިދޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެގޮތުން އެފަދަ ތަންތަން ހުޅުވުމަށް ހުއްދަ ދޭނީ, އެތަނަމުން ހިދުމަތް ދޭނެ ޕްލޭން ހުށަހަޅައި, ހާއްސަ ގައިޑްލައިނެއްގެ ދަށުން އެޕޮއިންޓްމަންޓު އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ސެލޮން އަދި ބޯކޮށާ ތަންތަނަށް ވަރަށް އަވަހަށް ގައިޑްލައިން އަލުން އާންމު ކުރާނަން. އާންމު ކުރުމުން ސާވިސް ޕްލޭން އެޗްޕީއޭއަށް ހުށަހެޅުމުން އަޅުގަނޑުމެންގެ ޓީމުން އެތަންތަން އިސްޕެކްޓް ކުރާނަން. ]ހުއްދަ ދެވޭނީ] އެޕޮއިންޓްމަންޓު އުސޫލުން, ވަކި ވަކި ގަޑިތަކަށް," ޑރ. ނަޒްލާ ވިދާޅުވި އެވެ.
ސެލޫންތައް ހުޅުވުމަށް ކުރިއަށް އޮތް ދެ ހަފްތާގައި ގައިޑްލައިން އާންމު ކުރާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ, މިފަހަރު ފިޔަވަޅުތަކަށް މާބޮޑެތި ލުއިތަކެއް ދީފައި ނުވަނީ, ކޮވިޑް ކޭސްތަކުގެ ހަގީގީ މަންޒަރު އަދި ސާފުވެފައި ނުވާތީ ކަމަށެވެ. އެގޮތުން ކޭސްތައް މައްޗަށް ދިޔުމާއެކު މަގުމަތިން ނަގާ ސާމްޕަލްތައް ނެގުންވެސް ހުއްޓާލުމާއެކު ކޮވިޑް ކޭސްތަކުގެ ހަގީގީ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ, މިދިޔަ ހަފްތާއިން ފެށިގެން ކޭސްތައް ދަށަށް ދިޔުމާއެކު އަނެއްކާވެސް ރޭންޑަމް ސާމްޕަލް އަދި އެކްޓިވް ސަވަޔަލަންސް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންވެސް ކުރިއެކޭ އެއްގޮތަށް އަލުން ފަށާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.