ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސާގެ މަގާމަށް ޑރ. ފަރަހަނާޒް

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސާގެ މަގާމަށް ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި އިއްޔެ ބޭއްވި ހަފްލާގައި ފަރަހަނާޒްއާ ރައީސާކަން ހަވާލުކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލިންޑާ ސްކޮޓްއެވެ.

ޑރ. ފަރަހަނާޒްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ސޮފީ ކަޓްސަރަވާއެވެ. އެ ނެޓްވޯކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީ އެމްބަސީގެ ސަފީރުގެ ނާއިބުއެވެ.

ޑރ. ފަރަހަނާޒް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފައްޓަވާނީ މި އަހަރުގެ ޖުލައި މަހު އެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވޯކަކީއިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވޯކެކެވެ. ގިނަ އަހަރުތަކެއް އަހަރެއްވަންދެން ނެޓްވޯކުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން ނެޓްވޯކުގެ މަސައްކަތްތައް އަލުން ފެށީ މި އަހަރުގެ އޭޕްރީލް މަހު އެވެ.

އެ ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓުންނަށް ދިމާވާކަންތައްތައް ދެން ތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި އެ ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވޯކްޝޮޕްތައް ވެސް ހިންގައެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓާޝިޕް ޕްރޮގްރާމްތައްވެސް އެ ނެޓްވޯކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.

ޖަމްއިއްޔާގެ ރައީސާގެ މަގާމަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަގާމެކެވެ.

comment ކޮމެންޓް