ޔާރާއެ ލޯބިދޭށޭ... 46

އާމިރު ޔޫންގެ ތުއްތު އަތުގައި ބޮސްދިނެވެ. ކޯކޮޅުގައި އަތް ޖައްސައިލި އެވެ. ލޯބިން ގޮސް އާމިރަށް އުޅެފައި ނޫޅެވޭ ގޮތްވެސް ނޭނގުނެވެ. ހަރުކަށިކަން ދައްކައިގެން އުޅުނު ނަމަވެސް، އާމިރުގެ ހިތް އޮތީ މަޑު ކަފަކޮޅެއް ފަދައިންނެވެ. ފާޚާނާ ދޮރު ކުޑަކޮށް ހުޅުވައިގެން ހަމްދާ ހުރީ އެ މަންޒަރު ބަލާށެވެ. އުފަލުން ގޮސް ހަމްދާގެ ދެލޯ ފެންކަޅި ވިއެވެ.

ހަމްދާ ނުކުތުމުން އާމިރު އަވަހަށް ޔޫން ދުރުކޮށްލި އެވެ.

********

ޖިލްވާ ހުރީ ޒެނިލްގެ ގަމީސް އިސްތިރި ކުރާށެވެ. ސަފީނާ އައިސް ކޮންމެވެސް މީހަކު ބައްދަލުކޮށްލަން އައިސް ހުރި ވާހަކަ ބުންޏެވެ. ކުރަން ހުރި މަސައްކަތް ނިންމައިލާފައި ޖިލްވާ ނުކުތެވެ. ފެނުނު ސޫރަ އަކުން އޭނަގެ މުޅި ތަބީއަތު ބަދަލުވެއްޖެ އެވެ.

"ޝާވިން!..." ޖިލްވާއަށް ބުނެވުނެވެ.

ޝާވިންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ޖިލްވާގެ ފައިން ފެށިގެން މޫނާއި ހަމައަށް އޭނާ ފުން ނަޒަރެއް ދިނެވެ. ހީވީ ޤަބޫލު ނުކުރެވިގެން ބަލައިލި ހެންނެވެ.

"ޖިލް!... އައި މިސްޑް ޔޫ ސޯ މަޗް..." ޝާވިން އައިސް ޖިލްވާގެ އަތުގައި ހިފައިލި އެވެ. މަޑުމަޑުން އެ އަތަށް ފިތައިލި އެވެ.

ޖިލްވާ އަތް ދަމައިގަތެވެ. އޭނައަށް ވަށައިގެން ހޯދައިލެވުނީ އެ މަންޒަރު ފެންނަ ހިސާބުގައި މީހަކު ހުރިތޯ އެވެ. ސިޓިންގްރޫމްތެރެ ކުނިކަހަން ސަފީނާ ހުއްޓެވެ. ދޭތެރެއަކުން އެ ނަޒަރު ޖިލްވާ މެންނަށް ހުއްޓެމުން ދިޔަ ކަން ޖިލްވާއަށް އެނގުނެވެ.

"ކީއްކުރަން މިގެއަށް ތި އައީ؟..." ޖިލްވާގެ އަޑުގައި ހުރީ ދުރު ގޮތެކެވެ.

"މިހާ ދުވަސްކޮށްފަ ދިމާވީމަ އިށީންނާކަށްވެސް ނުބުނާނަންތަ؟..." ޝާވިން ހިނގައިގަތީ ސޯފާ އާއި ދިމާއަށެވެ. "އަހަރެން ކޮން ދުވަހެއް ޖިލްއަށް އިންތިޒާރު ކުރާތާ..."

"ކީއްވެ؟..." ޖިލްވާ ހިތްހަމަނުޖެހުނެވެ.

ޝާވިން ގޮސް ސޯފާގައި އިށީނެވެ. ޖިލްވާއަށް އަތުން އިޝާރާތް ކުރުމަށްފަހު، އިށީނުމަށް އެދުނެވެ. ޖިލްވާ އޭނާ ހުރިތަނުން ގުޑިވެސް ނުލި އެވެ.

"ކޮރެއާއަށް ގޮސް މިލިޓަރީ ޓްރޭނިންގ އެއް ހަދައިގެންތަ ތި އައީ؟..." ޝާވިން ޖަހައިލީ އޭނާ އާދައިގެ މަތިން ޖަހައިލާ މަޖާ ހިނިގަނޑެވެ. "އާދެބަލަ އިށީންނަން... އަހަރެން މިއައީ ވާހަކައެއް ދައްކާލަންވެގެން..."

"އަހަރެން މި އަހަނީ ޝާވިން ކީއްކުރަންހޭ ތި އައީ؟..." ޖިލްވާ ތަންކޮޅެއް ބާރަށް ބުންޏެވެ.

ޝާވިން އެއްޗެއް ނުބުނެ ހައިރާންވެފައި ޖިލްވާގެ މޫނަށް ބަލަން އިރުކޮޅަކު އިނެވެ. ދެން މަޑުމަޑުން ތެދުވެގެން ގޮސް ޖިލްވާ އާއި ދާދި ކައިރީގައި ހުއްޓުނެވެ. ޖިލްވާ އުޅުނީ އެތަނުން ދާށެވެ. ޝާވިން ޖިލްވާގެ އަތުގައި ހިފެހެއްޓި އެވެ. ޖިލްވާ ސަފީނާ ކޮބައިތޯ ހޯދައިލިއިރު، ފެންނާކަށް ނެތެވެ.

"ދޫކުރޭ..." ޖިލްވާ ބުންޏެވެ.

"ޖިލް!.... އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް..." ޝާވިން މަސައްކަތް ކުރީ ޖިލްވާ ހަމައަކަށް އަޅުވާށެވެ.

"އަހަންނާ ޖިލް އާ ދެމެދުގަ އޮތް ގުޅުން ނުނިމޭތީ އަހަރެން މި އައީ..." ޝާވިންގެ ޖަވާބުން ޖިލްވާއަށް ލިބުނީ ހައިރާން ކަމެކެވެ. "ޖިލް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު އަހަރެން ކައިރީ ބުނެވެސް ނުލާ... އަހަންނަށް ވާނެ ގޮތަކާމެދު ކުޑަކޮށްވެސް ވިސްނާ ނުލަންތަ؟..."

"ކިހިނެއްވެގެން މިއުޅެނީ؟..." ކޮޓަރިން ނުކުތް ޒެނިލްއަށް ޝާވިން ހުރިގޮތް ފެނުމުން، ހުރެވުނު ތަންވެސް ނޭނގުނެވެ.

ޒެނިލް ފެނުމުން، ޝާވިންގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. ހައިރާންކަމާއި، ޝަކުވާގެ ނަޒަރަކުން އޭނަ ޖިލްވާއަށް ބަލައިލި އެވެ. އެއަށްފަހު ގޮސް ގެއިން ނުކުތެވެ.

*********

"އެކަނި ތަންތާ އިންނަ ވަރުގެ ބޮޑު ކުއްޖެއް ނޫނޭ މީ... އެކަނި ދޫކޮށްލާފަ ދިޔައިރު ވެއްޓުނު ނަމައޯ..." ހަމްދާ އައުމުން އާމިރު ޝަކުވާ ކުރި އެވެ.

"އެމަންޖެ ބޭންދީ އެމަންޖެގެ ކާފަ ކައިރީގައޭ ދޯ މާމަ ދޫނި..." ޔޫން އުރާލަމުން ހަމްދާ ބުންޏެވެ. "ކާފަ ޔޫން ބަލާނެކަން އެނގޭތީއޭ މާމަ ދިޔައީ... ދޯ މާމަގެ ޔޫން...."

"ހޫމް... ދެން ދޭ..." ރުޅި އަންނަ ކަމަށް ހެދެމުން އާމިރު ބުންޏެވެ.

ހަމްދާ އާމިރަށް ފަސްދީ ހިނގައިގަތެވެ. އެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ހަމްދާގެ އުރުގައި އިން ޔޫން ފަސްއެނބުރި އާމިރަށް ބަލައިލި އެވެ. އާމިރު އަތުން ހަނާ އަޅައިލި އެވެ. އަނގަޔަށް ވައްތަރެއް ޖައްސައިލުމުން، ޔޫން މަޖާވެލާފައި ހީގަތެވެ. ހަމްދާ ބަލައިލުމުގެ ކުރިން އާމިރު އަވަހަށް އޭނާގެ ފޯނާއި ކުޅޭ ކަމަށް ހެދުނެވެ.

"މާމައަށް އެނގޭ އޭރުވެސް، މާމަގެ މި ފުށްގަނޑު ކާފަގެ ހިތް މަޑު ކަފަކޮޅަކަށް ހަދާލާނެކަން..." ހަމްދާ ފަޚުރުވެރިވެލާފައި ޔޫން އާއި ވާހަކަ ދެއްކި އެވެ.

********

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު، އާމިރު ކޮންމެވެސް ވަރަކަށް ކޮޓަރިން ނުކުމެ އުޅެން ފަށައިފި އެވެ. އެހެން މީހުންނަށް ނޭނގޭހެން ޔޫން އާއި ސަކަރާތްޖަހައި ހެދިނަމަވެސް، މީހަކު ބަލަން ހުރެއްޖެނަމަ، އާމިރަކީ މުޅީން ތަފާތު މީހެކެވެ. ގެއިން ނުކުމެގެން ދާއިރު ޒެނިލް ފެންނަން ހުރެއްޖެނަމަ، ފިޔަވަޅުތައް އަވަސްވެ އެވެ. ގިނަ ފަހަރު ނުކުމެގެން ދާކަން ނުވެސް އެނގެ އެވެ. އާމިރު ކަނީވެސް އެންމެންގެ ކުރިންނެވެ. ހީވަނީ މީހަކާއި އަނގައިން ބުނުމަކީވެސް އާމިރު ދެން ނުކުރާނެ ކަމެއް ހެންނެވެ.

މާލެ އައިފަހުން ޖިލްވާގެ މިޒާޖަށް ބަދަލުތަކެއް އައިކަން ޒެނިލްއަށް ފާހަގަ ވިއެވެ. މާ މަޑުން ހުރުމާއި، ކަމަކާއި ހާސްވެ ކަންބޮޑުވެފައި ހުންނަ ކަމެވެ. ކިރިޔާ މީހަކު އެއްޗެއް ބުނެލިޔަސް، ޖިލްވާ ސިހެ އެވެ. އާމިރުގެ ކަންކަމާއި ޖިލްވާ މާ ބޮޑަށް ފިކުރު ކުރަނީ ކަން ޒެނިލްއަށް އެނގުނެވެ. އެކަމާއި ޖިލްވާ އާއި ވާހަކަ ދައްކާލަން ޒެނިލް ބޭނުން ވިއެވެ. އެކަމަކު، ގޭތެރެއިން ދެމީހުން އެކަހެރިވެލާނޭ ރަނގަޅު ފުރުސަތެއް ނުލިބެއެވެ. އާމިރަށް ފެނިދާނެތީ، ޖިލްވާއަށް ޒެނިލްގެ ކައިރީގައި އެކަނި ހުންނާކަށް ނުކެރެއެވެ.

އެންމެ ފަހުން ރިފްއާނުގެ އެހީގައި ޒެނިލް ރަނގަޅު ރެސްޓޯރެންޓެއްގެ މައުލޫމާތު ހޯދި އެވެ. ބޭރަށް ދިޔުމުގެ ކުރިން ޒެނިލް ހަމްދާ އާއި ބައްދަލު ކުރި އެވެ. ރިފްއާނުގެ ލަފާގެ މަތިން ހަމްދާގެ ހުއްދަ ހޯދުމަށެވެ.

"މަމުވާ!... ޖިލް އާ އެކީ ބޭރަށް ގޮސްލިޔަސް އެންމެ ރަނގަޅުތަ؟..." ޒެނިލް ސުވާލު ކުރީ އިނގިރޭސިންނެވެ.

"ހާނ ހާނ މަމުވާ... ޖިލްވާ އިޒު ކުޑައިސްމޯލު... ޔޫން ކުޑަ އިސްމޯލު ބިގު...." ހަމްދާ ދެއްކި ވާހަކަ ނޭނގި ހުރެފައި ޒެނިލް ޝުކުރު އަދާކުރި އެވެ.

ބޭރަށް ދިއުމަށް ޒެނިލް ތައްޔާރުވެލައިގެން ނުކުތުމުން، ހަމްދާގެ ދެލޯ ބޮޑުވި އެވެ. ޒެނިލް ހުރީ ސީދާ ކޯޓު ފަޓުލޫނުގަ އެވެ. ހީވަނީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ތައްޔާރުވެލައިގެން ހުރި ހެންނެވެ. ރިފްއާންގެ ކައިރިން ހަމްދާ ވަނީ ޒެނިލްގެ އެތައް މައުލޫމާތެއް ހޯދާފަ އެވެ. ގެއާއި، އޮފީހާއި، އެކުވެރިންގެ މައުލޫމާތެވެ. މުއްސަނދި، ތަނަވަސް މީހެއް ކަން އެނގުނު ނަމަވެސް އާދައިގެ ހެދުމުގައި ފެންނާތީ، ހަމްދާއަށް މާ ބޮޑަކަށް އެކަން އިހުސާސެއް ނުވެއެވެ. އެކަކަު، ޒެނިލް ކޯޓު ފަޓުލޫނުގައި ހުއްޓާ ފެނުމުން، ހަމްދާގެ ހިތް ނަށައިގަތެވެ. ދަރިފުޅަށް ލެއްވި ރަހުމަތެކޭ ހިތަށް އެރި އެވެ.

މާ ގިނަ އިރެއްނުވެ، ޖިލްވާ ވެސް ތައްޔާރުވެލައިގެން ނުކުތެވެ. ޖިލްވާ ލައިގެން ހުރީ، ކަޅު ކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި ނޫ ޖީންސެކެވެ. ޖިލްވާއަށް ޒެނިލް ފެނުނީ ގެއިން ނުކުންނަ ދޮރާއި ހަމައަށް ދިޔަ ފަހުންނެވެ.

"ކޯއްޗެއް ލައިގެން ތިހުރީ؟..." ޖިލްވާ ހާސްވެފައި ބުންޏެވެ.

އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓޭނެކަން ޖިލްވާއަށް އެނގުނެވެ. ޚާއްސަކޮށް ޒެނިލްގެ ރީތިކަން ފެނި، އަންހެން ކުދިންގެ ހިތް ފިދާވާވަރު ވާނެކަމަށް ޖިލްވާގެ ސިކުނޑި އިންޒާރު ދިނެވެ.

"ސްޕެޝަލް..." ޒެނިލް އޭނާގެ ކޯޓުގައި އަތް ޖައްސައިލި އެވެ.

"ޖިލްއަށް ޚާއްސަކޮށް..." ޖިލްވާގެ އަތުގައި ހިފާލަމުން ޒެނިލް ބުންޏެެވެ.

ޒެނިލް ލައިގެން ހުރި އަންނައުނާއި ބެހޭގޮތުން އިތުރު އެއްޗެއް ބުނާކަށް ޖިލްވާއަކަށް ނުކެރުނެވެ. ޒެނިލް އާއި ޖިލްވާ ދިޔުމުން، ހަމްދާގެ ތުންފަތުގައިވި ހިނިތުންވުން ދެމިގެން ދިޔަ އެވެ. އުރުގައި އިން ތުއްތު ޔޫންގެ ކޮލުގައި ބޮސްދިނެވެ.

"މަންމަ އާ ބައްޕައާ އެއީ އެންމެ ގުޅޭ ދެމީހުން..." ހަމްދާ ބުންޏެވެ.

ހަމްދާއަށް އެތައް ގޮތަކުން ޒެނިލް ކަމުދިޔަ އެވެ. ޖިލްވާ އާއި ޒެނިލްގެ ކައިވެނި އަވަސް ކުރުމަށް ހަމްދާ ހުރީ ބޭނުންވެފަ އެވެ. ސިފަ އާއި މުއްސަނދި ކަމަކީ ހަމްދާގެ ހިތުގައި ޒެނިލްއަށް ލޯބި އިތުރު ކުރުވި ދެ ކަންތަކެވެ.

********

ރެސްޓޯރެންޓަށް ވަނުމާއިއެކު އެންމެން ޖިލްވާ ވަށައިލި އެވެ. އެތަނުން ކުއްޖަކު ޖިލްވާ އާއި ދިމާއަށް ފޯނު ދިއްކޮށްލާފައި، ތަސްވީރެއް ނަގަން އެދެން ފެށި އެވެ. ޖިލްވާ ތުއިވެލި އެވެ. އެ ކުއްޖާ އާއިއެކު ސެލްފީއެއް ނެގުމަށް ތައްޔާރުވެ، އެކުއްޖާ އާއި ކައިރިވި އެވެ. އެކަމަކު އެކުއްޖާ ޖެހިލީ ޖިލްވާ އާއި ދުރަށެވެ. ޖިލްވާ ދުރުކޮށްފައި ޒެނިލްގެ ކައިރީގައި އެކުއްޖާ ހުއްޓުނެވެ.

"ޒެލް!... އަހަރެން މީ ޒެލްގެ ހާދަ ބޮޑު ފޭން އެ ކޭ..." އެކުއްޖާ ޒެނިލްގެ ގައިގައި ކޭއްތިލަމުން ކަހަލަ ގޮތަކަށް ބުންޏެވެ. "ފޮޓޯއެއް ނަގާލަބަލަ..."

ޖިލްވާ އާއި ދިމާއަށް ބަލައިލަމުން އެކުއްޖާ ބުންޏެވެ. ޖިލްވާ އައި ރުޅީގައި ޒެނިލް ނާރާނޭހެން ހަމައެކަނި އެކުއްޖާގެ ތަސްވީރެއް ނަގާފައި ފޯނު ދިނެވެ. އެއަށްފަހު، ޒެނިލްގެ އަތުގައި ހިފައިގެން އަވަހަށް މީހުންތަކުގެ ތެރެއިން ނުކުތެވެ. ދެމީހުން އެކުގައި ގޮސް ވަނީ ރެސްޓޯރެންޓްގައި ލޯބިވެރިން ކާން ތިބުމަށް ޚާއްސަކޮށްފައިވާ ކޮޓަރި އަކަށެވެ.

"ވާޓް؟..." ޒެނިލް ބަލަން ފެށުމުން ޖިލްވާ ތުން ފިއްތައިލި އެވެ. "އަހަރެން މީ މަޝްހޫރު އެކްޓްރެސްއެއް އިނގޭ.. އެމީހުން އަހަންނާ އެކީ ފޮޓޯ ނަގަންވާއިރަށް އަހަރެން މިއައީ...."

ޒެނިލް ހީލި އެވެ. ޖިލްވާ އަދިވެސް ހާދަ މައުސޫމޭ ޒެނިލްގެ ހިތަށް އެރި އެވެ.

"ތީ ކާކުތަ؟... މިގައުމުގެ މީހުންނަށްވެސް ތީ ކާކު ކަން އެނގޭ... އަހަންނަށް އެކަނިތަ ނޭނގެނީ؟..." ޖިލްވާ އަހައިލީ ޝަކުވާގެ ރާގެއްގަ އެވެ.

"އަހަރެން މިހުރީ އެއްކޮށްވެސް ޖިލް ކައިރީ... ބޭނުން އިރަކު ޖިލްއަށް އެވެއިލަބަލް ވެގެން... ޖިލްއަށްވުރެ ބޮޑަށް އަހަރެން އެނގޭނެ މީހަކު ނުހުންނާނެ އެއްނު..." ޒެނިލް ގޮސް ޖިލްވާގެ ފުރަގަހުން ބައްދައިލި އެވެ.

ޖިލްވާ އަވަހަށް ދުރަށް ޖެހުނެވެ.

"މިތާ ހުންނާނެ ކެމެރާ ހަރުކޮށްފަ..." ޖިލްވާ ބުންޏެވެ.

ޒެނިލް ބޯ ހޫރައިލި އެވެ. އެއަށްފަހު، ޖިލްވާ އާއި ދިމާއަށް ދާން ފެށި އެވެ. ޖިލްވާ ފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. ޒެނިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނަ ގޮސް ޖިލްވާގެ ދެފަރާތުން ފާރުގައި ދެއަތް އަޅުވައިލި އެވެ. އެ އަތުގެ ތެރެއިން ދެމިގަނެގެން ނުދެވޭނެއޭ ބުނާފަދަ ގޮތަކަށެވެ.

********

ހަމަހިމޭންކަން ވެރިވެފައިވާ އޮފީސް ތެރޭގައި ތިން މީހަކު ތިއްބެވެ. ފަހުމީ އާއި އާސިފުގެ އިތުރުން ޝާވިން އެވެ. ތަނުގައި ބަހައްޓާފައިވާ ހަތަރު މޭޒުގެ ތެރެއިން ޝާވިންގެ މޭޒުމަތީގައި ޒެނިލްގެ ތަސްވީރުތަކެއް ހުއްޓެވެ. މޭޒުމަތީގައި ބަހައްޓާފައިވާ ކޮމްޕިއުޓަރުން ހުޅުވާފައި ވަނީ ޒެނިލްގެ ވަނަވަރެވެ.

މީ ކިހިނެއް ޕޮސިބަލް ވާނެ ކަމެއް؟..." ޝާވިން ހައިރާންވެފައި ސުވާލު ކުރި އެވެ.

"ކަލެއަށް ޔަޤީންތަ އެއީ ހަމަ އެ ޒެލް ކަން؟...." ފަހުމީއަށް ގަބޫލެއް ނުކުރެވުނެވެ.

"އާނ!... އެއީ ހަމަ އެ މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ...." ޝާވިން ބުންޏެވެ. "ކޮރެއަން ފިލްމުކުޅޭ މީހުންނަށްވުރެ އޭނަގެ މަޝްހޫރުކަން ބޮޑުވާނެ އެތާ...."

(ނުނިމޭ)

comment ކޮމެންޓް