މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅިގެން ބީއެމްއެލް ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.
މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފައެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ބޭންކުން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބްލަޑް ކޭމްޕް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭޕް ކުރިޔަށް ގެންގޮސްފައެވެ. ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕުގައި ލޭ ހަދިޔާ ކުރުމަށް 70 އަށް ވުރެ ގިނަ މުވައްޒަފުން ރެޖިސްޓާ ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.