އެއާޓްރެފިކް ކޮންޓްރޯލު އަމިއްލަ ބަޔަކަށް ދޭގޮތަކަށް ނޯންނާނެ: ފައްޔާޒު

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީ އަށް ގެނެސްފައިވާ އިސްލާހުގައި، އެއާޓްރެފިކް އޮޕަރެޝަން އަމިއްލަ ބަޔަކަށް ދޭނެ ވާހަކަ ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން އިއްޔެ ގެނައި އިސްލާހުގައިވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

https://sun.mv/153271

އެ އިސްލާހުގައި، އެއާ ޓްރެފިކް ކޮންޓްރޯލު މަސައްކަތް ބޭރުގެ ފަރާތްތަކަށް ކުރެވޭގޮތަށް އޮތުމުން އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ .އަދި އެފްޑީއައި އުސޫލުން އެ ބައި އުނިކުުރުމަށްވެސް ދަނީ ގޮވާލަމުންނެެވެ.

ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ގިނަވެފައި ވަނިކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް އެއާ ޓްރެފިކް ކޮންޓްރޯލު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެވާހަކަ ނޯންނާނެ ކަމަށެވެ.

"ލޯކަލް އަދި ބޭރުގެ އިންވެސްޓަރަކަށްވެސް އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ކުރެވޭ ގޮތަކަށް ނޯންނާނެ. ރާއްޖޭގެ ކޮންމެ އެއާޕޯޓެއްގައިވެސް އެކަން ހިނގާނީ ދައުލަތުގެ ބެލުމުގެ ދަށުން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޮޅުންއަރާފައިވާތީ، އެފްޑީއައި ޕޮލިސީ އަށް ގެނައި އިސްލާހުގެ އިބާރާތް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް