100% ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭނެހެން އެފްޑީއައި ޕޮލިސީ އިސްލާހުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު -- ސަން ފޮޓޯ// ފަރީހާ އަބްދުﷲ

ބޭރު މީހުންނާއި ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހު ގެނެސްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން 2020 ފެބްރުއަރީ 11 ގައި އާންމުކޮށްފައިވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މީގެ ކުރިން އެ ކޯޑުގައި ބުނެފައިވަނީ ފްރެއިޓް ހިދުމަތް ހިމެނޭހެން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ. ފަސް އަހަރަށް އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ޖެހޭނެ ކަމަށް ކުރިން އެ ޕޮލިސީގައި ބުނެފައި ވެއެވެ.

މިއަދު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

އެފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެއެވެ. އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.

އެ އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރާނެ އެވެ.

https://sun.mv/150407

ރާއްޖޭގައި އެއާޕޯޓު ހިންގައި އޮފަރޭޓު ކުރުމުގެ ހުއްދަ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދޭގޮތަށް އެފްޑީއައި އުސޫލަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން އުޅޭކަމަށް ވާހަކަ ދެކެވިފައި ވަނިކޮށެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ފައިސާއިންނެވެ.

ރާއްޖެއަށް އަންނަ އެފްޑީއައިތަކުން ރާއްޖޭގައި ވިޔަފާރި ރެޖިސްޓާކުރަން ޖެހޭކަމަށް އެފްޑީއައި އުސޫލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް