ދަރަނީން އިގުތިސޯދު ދިރުވުން

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ދައުލަތުގެ ދަރަނި ބޮޑު ވާހަކަ އިގުތިސޯދިއްޔުން އަބަދުވެސް ދައްކައެވެ. ރާއްޖޭގައި މަސްލަހަތެއް އޮންނަ ދުވަލީ މާލީ އިދާރާތަކުން ވެސް އެންމެ ގިނައިން ފާހަގަކޮށް ނަގާ އެއް މައްސަލައަކީ ދަރަނި ބޮޑު ކަމެވެ. ކޯވިޑް-19ގެ ވަބާ ޖެހުމުން ހުރިހައި ގައުމަކުން ހެން ވެސް ނުފޯރާ ވަރަށް ވެސް ދަރައިނަގާން ޖެހި، މާލިއްޔަތު ހިންގުމުގައި ހުރި ޖަދަލުތައް އިތުރުވެ ހިނގާއްޖެ އެވެ.

ޒަމާނީ އިގުތިސޯދުތައް ތަރުތީބުވެފައި ވާ ގޮތުން، އިގުތިސޯދު ހިންގާން އަޅާން ޖެހޭ ތެލަކީ ފައިސާ އެވެ. އެހެންކަމަކު، އިންޖީނަކުން ތެޔޮ ހުސް ނުވަނީސް އިންޖީނު ނުހުއްޓުނަސް، އިގުތިސޯދުގެ ތެޔޮ (ފައިސާ) މަދުވާ ވަރަކަށް އިގުތިސޯދުގެ ދިރުން ދާނީ ބަލިކަށިވަމުންނެވެ.

އިގުތިސޯދަށް ތެޔޮ އަޅާން އެކި ސައިޒުގެ ތަފާތު އެކި އަނގަ ހުރެއެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނައިން ފައިސާ އަޅާ އަނގައަކީ ފަތުރުވެރިކަންތާ އެވެ. އެ އަނގައަށް އެއްވެސް ފައިސާއެއް ނުއެޅި 2020ގެ ފުރަތަމަ ކުއާޓަރު އެއްކޮށް އަދި ދެ ވަނަ ކުއާޓަރުގެ ދޮޅު މަސް ދިޔަތާ އެވެ. މިއާ އެކު އިގުތިސޯދުގައި ފައިސާ ދައުރުވާ ބުރު ހުއްޓުމަކަށް ނުއައިސް އޮތީ ކިރިޔާ އެވެ.

ކުރެހުން 1: ފައިސާ ދައުރުވާ ބުރު. މަސްދަރު: https://businessjargons.com

ފައިސާ ދައުރުވާ ބުރުގައި އެއް ފަރާތެއްގެ ހަރަދަކީ އެހެން ފަރާތެއްގެ އާމުދަނީ އެވެ. މި އާމުދަނީ އިން ބައެއް ބެންކުގައި ރައްކައުކުރުމަށް ފަހު ދެން ހުންނަ ބާކީއެއް ހަރަދު ކުރަނީ އެވެ. ބެންކަށް ޖަމާވާ ބައިން ބޮޑު ބައެއް ބެންކުން ބޭނުންކުރަނީ ލޯނު ދިނުމަށެވެ. ލޯނު ލިބުމުން އެ ލިބޭ ފަރާތަކުން އެއިން ކުރާން ޖެހޭ ހަރަދުތައް ކުރަނީ އެވެ. މިއިން އެހެން ބަޔަކަށް އާމުދަނީ ލިބެއެވެ. މިހެން މި ކަންކަން ދައުރުވަމުން ދައުރުވަމުން ދާނެ އެވެ.

ދިވެހިރާއްޖޭގައި އެއް ހަރަދުވެރިޔަކަށް އެންމެ ބޮޑު ފަރާތަކީ އަދި، އެންމެ ބޮޑު ވަޒީފާވެރިޔަކީ ވެސް ދައުލަތެވެ. ހަރަދުކުރެވޭނީ ފައިސާ ނުވަތަ ފައިސާ ލިބޭނޭ ވަސީލަތެއްގެ އެކަށީގެންވާ ގައިމުކަމެއް ލިބިގެންނެވެ. ގެއެއްގެ ހަރަދު ބަރަދު ވެސް ހިންގަނީ އެ މަހަކު އެ ގެއަކަށް ވަންނަ އާމުދަނީއަށް ބުރަވެ ތިބެ ކަމަށް ވާ ފަދައިން، ސަރުކާރު ވެސް ހިންގަނީ އެ މަހަކު އެކި ގޮތްގޮތުން ސަރުކާރަށް ވަންނަ އާމުދަނީ އަކުންނެވެ. އަހަރު ފެށޭ އިރު ބަޖެޓުގެ ހުރިހައި ފައިސާއެއް ނަގުދުން ލިބިފައި ހުންނަނީއެއް ނޫނެވެ.

ވަބާގެ އެންމެ އަޑިގަނޑުގައި ފަތުރުވެރިކަމުގެ އާމުދަނީ ހުއްޓުމަކަށް އައުމުން، ދައުލަތުގެ ނަގުދީ ދައުރުވުން ނުވަތަ ކޭށު ފްލޯ ތާށިވެ ދައުލަތް ހުއްޓުމަކަށް ދިޔުމުގެ ބިރު އޮތެވެ. މި ކަމުގައި ހިމެނޭ އެންމެ ކަންބޮޑުވާން ޖެހުނު ކަމަކީ ދައުލަތުން ދަނޑިވަޅުގައި ހާލަތުގެ އެކިއެކި ކަންކަން ހިންގުމަށް ނުކުޅެދި، މުވައްޒަފުންނަށް މުސާރަ ނުދެވި، އިގުތިސޯދަށް ފައިސާ ވެއްދުމަށް ވެސް ނުކުޅެދި ހިނގައިދާނޭ ކަމުގެ ބިރެވެ. މިހެން ވިޔަ ނުދިނުމަށް ސަރުކާރަށް ޖެހުނީ ފައިސާ ދަރައިނަގާށެވެ. އާންމު ހާލަތުގައި ވެސް ބަޖެޓު އޮންނަނީ ދަރަނިވެނިކޮށް ކަމަށް ވެފައި ފަތުރުވެރިކަމުގެ އާމުދަނީ އިނދަޖެހުމުން، ދަރައިނެގުން ފިޔަވައި އެހެން ގޮތެއް ނެތުނީ އެވެ.

ދައުލަތްތަކުން އާންމުކޮށް ދަރައިނަގަނީ ދުވަލީ ފައިސާ މާރުކޭޓުތަކުންނެވެ. އެކަމަކު، ކޯވިޑް-19 ވަބާ އޮތީ އިގުތިސޯދީ ކާރިސާއެއް ވެސް މުޅި ދުނިޔެއަށް ޖައްސައިފައި ކަމުން، ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ ގައުމަކަށް ފަތުރުވެރިކަން އިނދަޖެހިފައި އޮތް ވަގުތަކު ކުރެޑިޓު ދިނުމަށް މާކަ ބޮޑު ޝައުގުވެރިކަމެއް ދުވަލީ ފައިސާ މާރުކޭޓުތަކަކު ވެސް ނުހުންނާނެތާ އެވެ. ދެން ހުރީ ދުވަލީ (މަލްޓިލޭޓްރަލް، އިންޓަރނޭށަނަލް) ނުވަތަ ސުނާއީ (ބައިލޭޓްރަލް) ވަސީލަތްތަކެވެ. މި ދެ ގިންތީގެ ވަސީލަތްތަކުން ވެސް ކޮންމެވެސް މިންވަރަކަށް ފައިސާކޮޅެއް ލިބުނެއް ކަމަކު، ފުދޭ ވަރަކަށެއް ނުލިބެއެވެ.

ފައިސާ ލިބޭން ނެތަތީ ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރާން ޖެހޭ ކަމަށް އެ އިރު ވާހަކަ ދެކެވުނެވެ. އެއީ އެންމެ ރަނގަޅު ކަމެކެވެ. އެހެންކަމަކު އޭގައި ހިމެނޭން ވާނީ ލީކެއް ކަމަށް ސިފަކުރެވޭ، މިސާލަކަށް ރާއްޖެ އިން ބޭރަށް ދަތުރުކުރުން، ފަދަ ހަރަދުތަކެވެ. އެ ދަނޑިވަޅަށް ރަނގަޅީ އެތެރެއަށް ކުރެވޭ ހަރަދުތައް ހުއްޓައިނުލައި ކުރަމުން ގެންދިޔުމެވެ. މަގުސަދަކީ އިގުތިސޯދަށް ބޭނުންވާ ތެޔޮ (ފައިސާ) މަދުވުމުގެ އިސްޕީޑު ވީ ވަރަކުން ދަށްކޮށް ފައިސާ ދައުރުވާ ބުރު ހުއްޓުމަކަށް އަޔަ ނުދީ ހިފެހެއްޓުމެވެ.

މަސްދަރު: އެމްއެމްއޭ، 2021

ޗާޓު 1 އެދައްކަނީ އިޖުމާލީ ރަށްވެހި އުފެއްދުމުގެ އިންސައްތައިން ދައުލަތުގެ އަހަރީ ދަރަނީގެ މިންވަރެވެ. ޖުމުލަ ދަރަނި މިންކޮށްފައި އެވަނީ ކަނާތު އޮލަނބު ގައެވެ. ވާތު އޮލަނބުގައި އެވަނީ ހާރިޖީ ދަރަންޏާއި ރަށްވެހި ދަރަންޏެވެ. ބޮޑު ބަންދުގެ އަހަރު 2021ގައި ޖުމުލަ ދަރަނި އެވަނީ ޖީޑީޕީގެ 121 އިންސައްތައަށް ވުރެ މައްޗަށް އަރައިފަ އެވެ. ދުވަހަކު ވެސް މިހައި މައްޗަށް ދަރަނި އަރައިފައެއް ނުވެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ އަދަދަކީ 62.5 އިންސައްތަ އެވެ.

މަސްދަރު: އެމްއެމްއޭ، 2021

ޗާޓު 2ގައި އެދައްކައި ދެނީ ދަރަނީގެ މިންވަރަށް އައިސްފައި ވާ ބަދަލެވެ. ކަނާތު އޮލަނބުން އެދައްކަނީ ޖުމުލަ ދަރަންޏެވެ. ވާތު އޮލަނބުން ހާރިޖީ ދަރަންޏާއި ރަށްވެހި ދަރަންޏެވެ. ބޮޑު ބަންދުގެ އަހަރު، 2020ގައި ދަރަނި އެވަނީ 94 އިންސައްތަ އަށް ވުރެ މަތީ މިންވަރަކަށް އިތުރުވެފަ އެވެ. މި އިން ބޮޑު ބައެއް (104 އިންސައްތައާ ގާތަކަށް) އިތުރުވީ ހާރިޖީ ދަރަންޏެވެ. ދާހިލީ ދަރަނި އިތުރުވެފައި ވަނީ 88 އިންސައްތަ ވަރެވެ.

ދައުލަތަކުން ދަރަނި ނެގުމަކީ މައްސަލައެއް ނޫނެވެ. އެހެންވެ ވަރަށް މަދު ގައުމުތަކެއް ފިޔަވައި ކޮންމެ ގައުމަކުންމެ ހެން ދަރައިނަގައެވެ. ދަރަނީން އިގުތިސޯދު ދިރުވުމަށް ސިޔާސަތު ރާވައި ތަންފީޒުކުރުމަކީ އައު ކަމެއް ނޫނެވެ. މިއީ ކޭންޒިއަން އިގުތިސޯދިއްޔާތެވެ. މީގައި ބުނަނީ ހާއްސަކޮށް އިގުތިސޯދީ ކާރިސާއަކަށް ފަހު އިގުތިސޯދު އާރޯކޮށް ދިރުވުމަށް ނަގުދީ ސިޔާސަތު (ފިސްކަލް ޕޮލިސީ) ބޭނުންކޮށް ދަރަނީން އިގުތިސޯދު ދިރުވުމަށް މަސައްކަތްކުޅައުމަކީ އެންމެރަނގަޅު ކަމެއް ކަމަށެވެ.

އާއްމު ހާލަތުގައި ވެސް ދަރަންޏަށް ޖެހިފައި އޮއްވައި، އިގުތިސޯދީ ކާރިސާއެއް ޖެހިއްޖެ ނަމަ އިތުރަށް ދަރަނި ނަގާން ޖެހި ދަރަނި ގުނަވެގެން ދިޔުމަކީ ވެދާނޭ ކަމެކެވެ. މިއީ އިގުތިސޯދިއްޔުންނާއި އަހަރެމެން އަޑުއަހާން ޖެހޭ ނުވަތަ އަޑުއަހައިލާން އެންމެރަނގަޅު ދުވަލީ މާލީ އިދާރާތަކުން ވެސް ދައްކާ ވާހަކަ އެވެ.

ދުވަލީ މާލީ މާރުކޭޓުތަކުގެ ބައިވެރީން ގައުމުތަކުގެ ބޮންޑު ނުވަތަ ސުކޫކު ފަދަ މާލީ ސިކިޔުރިޓީތަކުގައި އިންވެސްޓުކުރާ އިރު، އެ ފަރާތްތަކުން އެ ގައުމެއް ގެ ސޮވެރިން ރޭޓިން އަށް ބަލައެވެ. ރޭޓިން އެޖެންސީ އަކުން ގައުމެއްގެ ރޭޓީން ވަކި ވަރަކަށް ވުރެ ދަށްކޮށްފި ނަމަ، އިންވެސްޓަރުން އެ ގައުމެއްގެ ބޮންޑަށް، ސުކޫކަށް އިންވެސްޓްކުރާހިތްވާ ވަރު ކުޑަވާނެ އެވެ. އިންވެސްޓުކުރާ ނަމަ ވެސް، އެ ފަރާތްކުން ޖަހާ ފައިސާގެ އަގު (އިންޓްރެސްޓް ރޭޓު) އިހުނަށް ވުރެ މާ މަތި ވާނެ އެވެ.

ދިވެހިރާއްޖޭގެ ސޮވްރިން ރޭޓިން އެންމެ ފަހުން އިއުލާންކުރި މޫޑީސް އިން އެވަނީ އޭގެ ކުރީން ވެސް އެ އެޖެންސީ އިން ދިވެހިރާއްޖެ އަށް ދީފައިވާ ރޭޓިން ބީ3 ދަމަހައްޓައިފަ އެވެ. މިއީ ދަރަނީ އަދާކުރެވިދާނެ ކަމާ މެދު ހުރި ބިރުތަކުގެ ދަރަޖަ އުފުލިފައިވާކަން ދައްކައިދޭ ރޭޓިންނެކެވެ. މި ރޭޓިންގެ ނަތީޖާއަކަށް ވާނީ އިންވެސްޓަރުން ދިވެހިރާއްޖޭގެ ބޮންޑު، ސުކޫކުގައި އިންވެސްޓް ނުކުރުން ނުވަތަ ބޮޑު އިންޓްރެސްޓް ރޭޓެއް ޖެހުމެވެ.

އާދަޔާ ހިލާފަށް ދަރަނި ބޮޑުވެފައި ވާ ނަމަ، އަދި އެ އިން ބޮޑު ބައެއް އެއީ ހާރިޖީ ދަރަނި ނަމަ، މާލިއްޔަތު ހިންގުމުގައި އަދި އިގުތިސޯދު ދިރުވުމުގައި ސަރުކާރުން ވަރަށް ސަމާލުވާން ޖެހޭނެ އެވެ. ދުނިޔޭގެ ބެންކު ފަދަ ދުވަލީ މާލީ އިދާރާތަކުން ވެސް، ރާއްޖޭގެ ދަރަނި އިތުރުވެފައި ވާ މިންވަރު ފާހަގަކުރުމާ ވެސް އެކު ބުނަނީ އިގުތިސޯދު އާރޯކޮށް ދިރުވުމުގައި ދަރަންޏާ މެދު ވަރަށް ސަމާލުވާން ޖެހޭނެ ކަމަށާއި އެހެންކަމަކު، ދަރަނި ލޮއީފުކަން މި ވަގުތު ހުރިހައި ގައުމަކަށް ވެސް މަތިވެފައި ވާތީ، ރާއްޖެ އަކީ އިސްތިސްނާއެއް ނޫން ކަމަށެވެ.

އެޑިޓަރުގެ ނޯޓް:

މި ލއުމަކީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، ޑރ. ފަޒީލު ނަޖީބް ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން "ސަން"އާ ހިއްސާ ކުރެއްވި އެ ބޭފުޅާގެ ހިޔާލެވެ.

comment ކޮމެންޓް