ކޮވިޑު ޖެހިގެން ހާލު ބޮޑުވި ކުޑަކުއްޖާ ވެންޓިލޭޓަރުން ނަގައިފި

އޭޕްރީލް 23، 2021: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑު ޖެހިގެން ހާލު ސީރިއަސްވި އުމުރުން ހަތް އަހަރުގެ ކުޑަކުއްޖާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑ. ފައިސަލް ވިދާޅުވީ ކޮވިޑުގެ ބައެއް ވޭރިއަންޓުތަކުގައި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ނުރައްކާވާ މިންވަރު ބޮޑު ކަމަށެވެ.

އެގޮތުން ކޮވިޑުޖެހި ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހުނު ކުޑަކުއްޖެއްގެެ ހާލު ރަނގަޅުވެ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

"ހޮސްޕިޓަލުގައި ބާއްވައިގެން އެޑްމިޓުކޮށް ވެންޓިލޭޓަރަށް ލާން ޖެހުނު ކުއްޖެއް މިހާރު ވެންޓިލޭޓަރުން ނެގިއްޖެ. އިރާދަ ކުރެއްވިއްޔާ އަދި ދޫވެސް ކޮށްލެވޭނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މީގެ ކުރިން އެޗްއީއޯސީ އިން ބުނެފައިވަނީ އެ ކުއްޖާ އަކީ ކިޑްނީގެ ބައްޔަކަށްވެސް ފަރުވާ ހޯދަމުންދާ ކުއްޖެއް ކަމަށެވެ.

ކޮވިޑު19 ޖެހިގެން ރާއްޖެއިން އުމުރުން 10 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އުމުރުން 10 އަހަރުގެ 52 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް