ސުޝާންތަށް ބިނާކޮށް އުފައްދާ ފިލްމެއްގެ ޓްރެއިލާ އާންމުކޮށްފި

ނިއާއޭ: ދަ ޖަސްޓިސް އަކީ ސުޝާންތު ގެ ބަޔޮޕިކް އެއް ނޫން----

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތަށް ބިނާކޮށް އުފައްދާ ފިލްމެއްގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

"ނިއާއޭ: ދަ ޖަސްޓިސް"ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި ސުޝާންތުގެ ރޯލު ކުޅެފައި ވަނީ ޓީވީ އެކްޓަރު ޒުބަރު ޚާނެވެ. ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ރޯލު ކުޅެފައި ވަނީ ޝްރެޔާ ޝުކްލާ އެވެ. މި ފިލްމަކީ ދިލިޕް ގުލާޓީގެ ސްކްރިޕްޓަކަށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ އެކްޓަރު ޒުބަރު ބުނީ މި ފިލްމަކީ ސުޝާންތުގެ ބަޔޮޕިކް އެއް ނޫން ކަމަށާއި މިއީ އޭނާގެ ހަޔާތުން އިންސްޕަޔާވެގެން އުފެއްދި ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ ސުޝާންތަށް ދޭ ޓްރިބިއުޓެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގައި ޝަކްތީ ކަޕޫރު، އާސްރާނީ އަދި ކިރަން ކުމާރު ވެސް ހަރަކާތްތެރިވާނެ އެވެ. ފިލްމުގައި މަހޭޝް ބަޓްގެ ރޯލުން ފެންނާނީ އަރޫން ބަކްޝީ އެވެ.

އެކްޓަރު ސުޝާންތުގެ މަރާ އެކު "ނިއާއޭ: ދަ ޖަސްޓިސް"ގެ އިތުރުން "ޝަޝަންކް"، "ސުއިސައިޑް މާޑާ އޯ" އަދި "ސުޝާންތު"ގެ ނަމުގައި ފިލްމެއް ހަދަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް