ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް އިތުރުވެއްޖެ

އޭޕްރީލް 23، 2021: އުސްފަސްގަނޑު ސަރަހައްދުގައި މަޑި އެރުވުން: ޒަމާނުއްސުރެ ކޮންމެ ރޯދަ މަހަކުވެސް ރޯދަކުރުކޮއްލުމަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މަޑި އުރުވުމަކީ އާންމުކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ އޭޕްރީލް މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް، ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.

ޖެންޑާ އިން ވަނީ އޭޕްރީލް މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑުކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓު އާންމުކޮށްފަ އެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރީލް މަހު ޖުމުލަ 177 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 73 މައްސަލަ ހިމެނެ އެވެ. ޖެންޑާއިން ބުނީ އެބާވަތިގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އިހުމާލުވުމުގެ 25 މައްސަލައެއް އޭޕްރީލް މަހު ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ ނުވަ މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް ވެސް ހިމެނެއެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލަ އެޕްރީލް މަހު ވަނީ ހުށަހަޅައިފަ އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގަނާކުރުމުގެ 12 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ އެއް މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ އެއް މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ހަތް މައްސަލަ އެޕްރީލް މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ހަތަރު މައްސަލަ އަދި ތައުލީމަށް ހުރަސްއެޅުމުގެ ތިން މައްސަލަ އެވެ.

އާއިލީ 13 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލަ، ކުދިންނާ ބައްދަލުނުކުރެވޭ ފަސް މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ އެއް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.
އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ މައްސަލަތަކެވެ. އެބާވަތުގެ 16 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭގެ އިތުރުން، ޖިސްމާނީ އަނިޔާގެ 13 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ތިން މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލަ، އިހުމާލުވުމުގެ އެއް މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ އެއް މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ އެޕްރީލް މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ އަށް މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

އޭޕްރީލް މަހު ތިން ކުއްޖަކު އާއިލާއާ ރީއިންޓަގްރޭޓް ކޮށްފައިވާ ކަމަށާއި އަދި އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ. އަދި 18 އަހަރު ފުރިފައިވާ ކުއްޖަކު އެޕްރީލް މަހު ވަނީ ވަޒީފާގެ ފުރުސަތާއެކު މުޖުތަމައަށް ރުޖޫއަކޮށްފައެވެ.

އެޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 216 ކުދިންނެވެ.

comment ކޮމެންޓް