އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

މޯލްޑިްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވިކަން ހާމަކޮށް އޭސީސީ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ އަލީގައި އޭސީސީ އިން ބުނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެ ބިލު ފާސްކުރަން މަހުލޫފު ވޯޓު ދީފައިވަނީ ސީދާ ސަރުކާރާ އެއްކޮޅަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީއިން ބުނީ އެސްއީޒީ ބިލުގެ ވޯޓަށް ފަހު، މަހުލޫފާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކު، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ އަދީބު މަހުލޫފަށް ދިން ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށެވެ.

މީގެ އިތުރުން މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

އެ ފައިސާއަކީ އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކިން ފެންނަން އޮތް ކަމަށާއި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން އިތުރަށް ބުނީ، އެ 33،000 ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށް މަހުލޫފުގެ ފަރާތުން އެ ކޮމިޝަނަށް ށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ޙަވާލުކޮށްފައިވާނެކަމަށް، މަހުލޫފު އޭސީސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހުޤީޤަގީގަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން އެ މުއާމަލާތާ ގުޅިގެން ގ. ހާފްސީ، އަލީ މުބީންގެ މައްޗަށް ދައުވާ ކޮށްދިނުމަށްވެސް އޭސީސީ އިން ވަނީ ޕީޖީ އަށް ހުށަހަޅައިފަ އެވެ.

އެގޮތުން އެ މުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެއީ ސައްހަ މުއާމަލާތެއްކަމަށް ދެއްކުމަށް އޭސީސީ އަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސްއޯއެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް މުބީން ބަޔާން ދީފައިވަނީ އޭސީސީ އަށް ދޮގު މަޢުލޫމާތު ދިނުމުގެ ގޮތުންކަނމަށް ތަހުގީގަށް އެނގެން އޮންނާތީ، ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެ މައްސަލާގައި މުބީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވަން ނިންމީ ކަމަށް އޭސީސީއިން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އަށް ހުށަހަޅާފައިވާއިރު، ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފު ވަނީ މީގެ ކުރިން މަގާމުން ސަސްޕެންޑު ކޮށްފަ އެވެ. ނަމަވެސް ފަހުން އޭސީސީ އިން ވަނީ މަހުލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތްކަމަށް ރައީސް އޮފީހަށް އަންގައިފަ އެވެ.

މީގެ އިތުުރުން ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށްވެސް މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް