ބިދޭސީންގެ މައްސަލަ ޓެރަރިޒަމަށް ވުރެ ނުރައްކާ ކަމަކަށް ވެދާނެ: އާޒިމް

މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ޓެރަރިޒަމަށް ވުރެ ނުރައްކާތެރި ކަމަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މެދި ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް އެހެން ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި އާއިލާއަށް ވަކި ގެއެއް ހަމަޖެއްސުމަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާާހާ ގުޅޭގޮތުން ބަހުސް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި އެބޭފުޅުންގެ އާއިލާއަށް ގެކޮޅު ހަމަޖައްސަން ޖެހޭ ގޮތަށް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހެޅީ މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ.

އާޒިމް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާތެރިކަމާ، ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވާ ވާހަކަ ދައްކާއިރު "އެއަށްވުރެ ނުރައްކާތެރި، މާ ބޮޑު ކަމެއް" ރާއްޖޭގައި ހިނގަމުން އަންނަ ކަމަށެވެ.

"ބިދޭސީންގެ މައްސަލައަކީ ކުޑަކަމެއް ނޫން. ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިވާ އެތައް ބިދޭސީންނެއް މި ރާއްޖޭގައި މަސައްކަތް ކުރަމުން އެބަ ދޭ،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އެ ފަރާތްތަކާ ދޭތެރޭގައި މިހާރުން ފެށިގެން ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، މާ ނުރައްކާތެރި ކަމެއް ރާއްޖޭގައި ކުރިމަތިވަމުން ދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެގޮތން ބިދޭސީން ނުކުމެ ސިފައިންނާއި ފުލުހުންނާ ކުރިމަތިލާން މާ ގިނަ ދުވަސްތަކެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމް ވަނީ ތިލަފުށްޓަކީ ބިދޭސީންގެ "ކިއްލާ" އެއް ކަމަށް މިއަދު ވިދާޅުވެފަ އެވެ.

"ބިދޭސީން އެތާ ވެރިކަން ކުރާނީ. ދިވެއްސެއް ނޫން އެތާ ވެރިކަން ކުރާނީ. އެމީހުން ގޭންގު ހަދައިގެން އެތާނގައި ވެރިކަން ކޮށް، އެތާނގައި ނޭދެވޭ ހުރިހާ ކަންތައްތަކެއް އެދަނީ ކުރަމުން. އަޅުގަނޑުމެންނަކަށް ނުފެނޭ އަޅުގަނޑުމެންގެ ދައުލަތުގެ ކަންކަން ތަންފީޒުކުރަން ތިބި ފަރާތްތަކުން ގޮސް އެތަންތަން ބަލާލައިގެން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ތަނެއް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ތިލަފުށީގައި ނޭދެވޭ އެތައް ކަމެއް ރާވަމުން އަންނަ ކަމަށާއި އެޔަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަ އަދަދަކަށް ދިރިއުޅޭ ކަމަށެވެ.

"އަޅުގަނޑުމެން ވަކިން ހާއްސަކޮށް އެކަމާ ދޭތެރޭ ވެސް ފުންކޮށް ވިސްނާލަން ޖެހޭ. މި ރާއްޖެ އަކީ ނާޒުކު އިކޮނޮމީއެއް އޮތް ތަނެއް. އެކަހަލަ ކަމެއް ވާއިރުގައި އަޅުގަނޑުމެން އެންމެން ބަނޑަށް ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވަކި ފަރާތްތަކަކަށް ހިމާޔަތާ ރައްކާތެރިކަން ދޭން ވިސްނާއިރު، މުޅި ރާއްޖޭގައި ހިނގާ ނުރައްކާތެރި ކަންކަން ހުއްޓުވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"މިކަހަލަ ކަންކަން ހުއްޓުވީމާ ދައުލަތުން ކުރާ ހޭދަތަ ކުޑަވެގެން ދާނެ. ކޮންމެހެން އެންމެން ގެންގޮޮސް ޖަލަށް ލާކަށް ނުޖެހޭ. އެންމެނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމުގެ ބަދަލުގައި ކުރީ ބައިގައި ފިޔަވަޅު އަޅައިގެން ކަންތައްތައް ކުރެވޭތޯ ބެލުމަކީ ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް،" މެމްބަރު ވިދާޅުވި އެވެ.

comment ކޮމެންޓް