އޮޕެކް ފަންޑުގެ އެހީގައި ބީއެމްއެލް އިން ޓޫރިޒަމް ސިނާއަތަށް ލޯނު ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސްއާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އޯޕެކުން ދިން ލޯނު ދޫކުރާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ ބޭންކު ކަމަށާއި އޯޕެކުން ދިން ލޯނާއެކު ފަތުރުވެރިކަމުގެ ދާއިރާ އާއި އެ ދާއިރާ އާއި ގުޅުން ހުރި ސިނާއަތްތަކަށް ބޭނުންވާ ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ ފަންޑިން ހަމަޖެހިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއްކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއްވެސްމެ." ޓިމް ސޯޔާ ވިދާޅުވި އެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލްހަލީފާ ވިދާޅުވީ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

"މި ޕްރައިވެޓް ސެކްޓަރ ފަންޑިންގ އާއެކު ރާއްޖޭގައި ގާއިމްކޮށްފައި ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ. އޯޕެކް އާއި ދިވެހިރާއްޖޭގެ ގުޅުން 19977 ވަނަ އަހަރު އުފެދުނީއްސުރެ މިވޭތުވެދިޔަ އެތައް އަހަރުތަކެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ތަރައްގީގެ މުހިންމު ޕްރެޖެކްޓްތަކަށް އޯޕެކް ފަންޑުން މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައި. ފައިނޭންސް ބޭންކް އޮފް މޯލްޑިވްސް އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައި. އަޅުގަނޑުމެންގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ. މިއީ އިގްތިސާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއް." އޭނާ ވިދާޅުވި އެވެ.

އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކް މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެކެވެ.

ރީޖަނަލް ޑައިރެކްޓާ ފޯ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕް ފޯ އައިއެފްސީ އޭޝިއާ އެންޑް ޕެސިފިކް ރޯޒީ ޚައްނާ ވިދާޅުވީ ޕާޓްނާ އިދާރާތަކާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ފައިނޭންސިން ހޯދާއިދިނުމުގައި އައިއެފްސީ އިން އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

"އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ބޭންކް އޮފް މޯލްޑިވްސް އަށް ލޯނު ދޫކުރުމަށް ކޯ- ލެންޑަރ އެއްގެ ގޮތުގައި އޯޕެކް ފަންޑު ހަމަޖެއްސުމުގައި އައިއެފްސީ އަށް އިސްދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އޯޕެކް ފަންޑުން ލިބޭ މި އެހީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވި، އެ ވިޔަފާރިތައް އާރާސްތުކުރުމަށް އިތުރު ބާރަކަށްވެގެންދާނެ." އޭނާ ވިދާޅުވި އެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްސީލް ބޭންކް އޮފް މޯލްޑިވްސް އިން ފަހުން ހާމަކުރާނެ ކަމަށް އެބޭންކުން ބުންޏެވެ.

comment ކޮމެންޓް