ކިނޮޅަހަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާއެއް ލިބުމާ ގާތަށް

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 35 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 91 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެ އެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންނެވެ.

މަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 72 ޕަސެންޓް މަސައްކަތާއި، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 ޕަސެންޓު މަސައްކަތާއި ސީ އައުޓް ފޯލް އެޅުމުގެ 35 ޕަސެންޓު ސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ
16 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އޭގެއިތުރުން، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރުގެ ޕަމްޕިން ލައިން އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗާގެ
ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 36،048،032 މިލިއަން ރުފިޔާ
އެވެ.

މިމަޝްރޫއުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް