ޒަމީލަށް ދައުވާކުރަން ފޮނުވީ ހުރުމަތް ހިފަހައްޓަން މަޖިލީހުގެ ރައީސަށް ލާޒިމުވާތީ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު--

ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލުއަށް ޖިނާއީ ދައުވާކުރަން އެދި ފޮނުވީ ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމާއި މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކަށް ވުމުން ކަމަށް އެ މަޖިލީހުން ބުނެފި އެވެ.

މަޖިލީހުން ބުނީ އެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ މުއައްސަސާއަކަށް އެންގުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން އެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ، ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ލިޔުން ހުށަހެޅުމަށް ކޮންމެ މީހަކަށް އެންގުމުގެ ބާރު ވެސް ލިބިގެންވާ ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.

މަޖިލީހުން އެގޮތަށް ބުނެފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއިން ހިންގާ ޕާލިމެންޓްރީ އިންކުއަރީއަށް ވަކިވަކި ސިފައިންގެ އޮފިސަރުން ހާޒިރުކުރަން އަންގާފައިވަނިކޮށް، މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ޒަމީލް ސޮއިކުރައްވާފައި ފޮނުއްވި ސިޓީގައި އެކަމަށް އިންކާރު ކުރައްވާފައިވަނިކޮށެވެ.

އެ ސިޓީގައި ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ލަފާދީފައިވާ ގޮތުގެ މަތިން ގައުމީ ދިފާއީ ބާރުގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ.

އެއާއެކު ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި މަޖިލީހުން ވަނީ ޕީޖީއަށް މައްސަލަ ފޮނުވާފަ އެވެ.

މަޖިލީޙަށް ވަކިވަކި ސިފައިން ހާޒިރުކުރި އެންގުމަށް ހިލާފުވި ހިލާފުވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށްވުމުގެ އިތުރުން އެ މަޖިލީހުގެ އިމްތިޔާޒައި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.

"ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ވީހިނދު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމުން، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުއްވާފައި." މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެއާ އެކު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ އެ މައްސަލަ ބެލުމަށްޓަކައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީއަށް ވެސް މަޖިލީހުގެ ރައީސް އެ މައްސަލަ ފޮނުއްވާފައިވާ ކަމަށް މަޖިލީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް