590 އާ ކޭސްއާއެކު ޖުމްލަ އަދަދު 67،000 ހުރަސްކޮށްފި

މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 590 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 67،000 ހުރަސްކޮށްފި އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 590 މީހުންގެ ތެރެއިން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 461 މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ، 67،538 އެވެ. އޭގެ ތެރެއިން 45،730 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ނެގި 5،000އަށްވުރެ ގިނަ ސާމްޕަލްއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސިޓީންނެވެ. އެގޮތުން މާލެ ސިޓީން 389 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއީ އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދާ ބަލާއިރު، 140 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވީ 239 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ، ރަށްތަކުން ޕޮޒިޓިވްވި 195 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި ހަ މީހެކެވެ.

ބަލި ޖެހިފައި އަދިވެސް 20،014 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 191 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ޖުމްލަ 177 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އޭގެތެރޭގައި މިއަދު މަރުވި ފަސް މީހަކު ހިމެނެވެ. އިއްޔެ ކޮވިޑުގައި ހަތަރު މީހަކު މަރުވި އެވެ.

ވެކްސިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު 100 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 188 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ޖުމްލަ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 311،325 އެވެ. އަދި ދެވަނަ ޑޯޒް ޖެހި ޖުމްލަ މީހުންގެ އަދަދަކީ، 171،303 އެވެ.

comment ކޮމެންޓް