އެސްޖީން އައްޔަނުކުރަން ސަރުކާރުން ބޭނުންވާގޮތް އޮތީ ގާނޫނުގައި: ތަރުޖަމާނު

މާލޭ ސިޓީ ކައުންސިލު ހުވާކުރުން -- ފޮޓޯ: ސިޓީ ކައުންސިލް

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ސަރުކާރުން ބޭނުންވާގޮތް އޮތީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބުރޫކު މިއަދު މިފަދައިން ވިދާޅުވި އިރު، އެސްޖީން އައްޔަނު ކުރާއިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި އުނިކުރުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އެސްޖީންގެ މަގާމަށް މީހުން އައްޔަނުކުރަނީ ކައުންސިލުގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަނުންނެވެ.

މަބްރޫކު މިއަދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅުން އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައިވަނީ މި ސަރުކާރުން ގެނައު މުހިއްމު އިސްލާހަކާއެކު ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުން. ކައުންސިލްގެ ލަފާ ހޯދުން،" އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވި މިވަގުތު މަޝްވަރާ ކުރާ އިސްލާހަކީ ސަރުކާރުން ހުށަހެޅި އިސްލާހެއް ނޫން ކަމަށެވެ.

comment ކޮމެންޓް