އެމްޑަބްލިޔުއެސްސީއިން ނ. ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 83.4 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުއަކީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޖުމުލަ 41.3 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ.