ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ހެލްތް މިނިސްޓަރު ނަސީމް: މިރޭ ނޫސްވެރިންނާ ބައްދަލުކުރާނެ -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް ޖެހިގެން އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި ހެލްތް މިނިސްޓްރީއާއި އެޗްޕީއޭއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިރޭ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދު މަރުވީ ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގައި އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ މިޝްކާއަކީ، ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި ފުރަތަމަ ކުޑަކުއްޖާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މިސްކާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން އެމްބިއުލާންސް މިޝްކާ ބަލާ ގޮސްފައި ވަނީ އެޗްޕީއަށް ގުޅިތާ ދެގަޑިއިރަށްވުރެ ގިނަ އިރު ފަހުން ކަމަށް އާއިލާ އިން ބުނެ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއަށާއި ހެލްތް މިނިސްޓަރު ނަސީމަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ބައެއް ފަަރާތްތަކުން ދަނީ ގޮވަމުންނެވެ.

އެކަމާ ގުޅިގެން ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނޫސްވެރިން ތަކުރާރުކޮށް އެޗްއީއޯސީގައި އެދުނެވެ. އެހެން ނަމަވެސް އެޗްއީއޯސީން ފުރަތަމަ ބުނެފައިވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ނޯންނާނެ ކަމަށެވެ. އަދި މިހާ ހައްސާސީ ދަނޑިވަޅެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަނީ ކޮން ސަބަބަކާހުރެތޯ ނޫސްވެރިން ތަކުރާރުކޮށް އެޗްއީއޯސީ މީޑިއާ ގުރޫޕުގައި ސުވާލުކޮށް، ނުސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތީ ކަންބޮޑުވުން ފާޅުކުރި އެވެ.

ދާދި ދެންމެއަކު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 10:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ބައިވެރިވާނެ ކަމަށް އެ ޓްވީޓްގައި ބުންޏެވެ.

މިޝްކާ މަރުވި މައްސަލަ މިހާރު އެޗްޕީއޭއިން ބަލަމުން އަންނަ އިރު، އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު ވަނީ އެ އާއިލާގެ ފަރާތުން މާފަށްވެސް އެދިފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ފޮނުވުމުގައި އަމަލުކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

މިޝްކާ މަރުވީ ރޭ 12:10 ހައިރު އެވެ. އާއިލާ އިން ބުނެފައި ވަނީ ރޭ 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި، އެމްބިއުލާންސް ދިޔައީ 11:40ގައި ކަމަށެވެ.އެކަން ކުއްވެރިކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމްއިންވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް