ޗައިނާއިން އިތުރަށް ވެކްސިން ހޯދުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ނަސީމް

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް--

ޗައިނާއިން ކޮވިޑް19ގެ އިތުރު ވެކްސިން ހޯދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޓައިމްސް އޮފް އިންޑިއާ ނޫހާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ 200،000 ޑޯޒު އެގައުމުން ރާއްޖެއަށް ހަދިޔާކުރި ކަމަށެވެ.

އެހެން ނަމަވެސް ޗައިނާއިން އިތުރަށް ވެކްސިން ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިން ލިބުން ހުއްޓި، ވެކްސިން ޖެހުން ލަސްވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް 228،653 މީހުންނަށް ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ދީފައިވާ ކަމަށާއި އޭގެ ތެރެއިން ދެވަނަ ޑޯޒު ދީފައިވަނީ 117،342 މީހުންނަށް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ފެބްރުއަރީ 9، 2021: ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިނޭޝަން ސެންޓަރު.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާކީ ތިބި މީހުންނަށް ދެވަނަ ޑޯޒު ނުޖެހިފައި ތިބިއިރު، ކޮވިޝީލްޑުގެ ބަދަލުގައި ބޭނުންކުރެވޭ އެސްޓްރަޒެނެކާ ވެކްސިން އޯޑަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ދެވަނަ ޑޯޒަށް މަޑުކޮށްގެން ތިބި ފަރާތްތަކުގެ ތެރެއިން ދެ ޑޯޒުގެ ދެމެދުގައި މަޑުކުރަން ޖެހޭ 12 ހަފުތާގެ މުއްދަތު ހަމަވާން ގާތްވެފައިވާ 60،000 އެއްހާ މީހުން އެބަތިބި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކުރިން އެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަ ހަފުތާ ނަމަވެސް، ފަހުން 12 ހަފުތާއަށް ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި ކޮވިޑް19ގެ ވެކްސިނަކީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ކަމަށްވާއިރު، މިހާތަނަށް ވެކްސިން ޖަހާފައިވާ ގިނަ މީހުންނަށް ދީފައިވަނީ ވެސް އެ ވެކްސިން އެވެ.

ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އެގައުމުގެ ސަރުކާރުން ވަނީ ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލައިފަ އެވެ.

ރާއްޖޭގައި ޗައިނާގެ ސިނޮފާމް ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު 78،000އަށް އަރާއިރު، އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 45،000އެއްހާ މީހުން ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެ އެވެ.

ޗައިނާއިން އިތުރަށް ވެކްސިން ހޯދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވެފައިވާ އިރު، ޗައިނާއިން މިހާރު ވެސް ދަނީ މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ވެކްސިން ހަދިޔާކުރަމުންނެވެ.

އެގޮތުން މި ހަފުތާގެ ތެރޭގައި ނޭޕާލްއަށް ސިނޮފާމްގެ އެއް މިލިއަން ޑޯޒު ހަދިޔާކޮށްފައިވާއިރު، ބަންގްލަދޭޝްއަށް 15 މިލިއަން ޑޯޒު ހަދިޔާ ކުރުމަށް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

comment ކޮމެންޓް