އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓޯނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކުރުން ކަމަށެވެ.

އެގޮތުން އެ ކުށުގެ އަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށް ޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އޭގެ ތެރޭގައި މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން ވެސް އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް