ޕީއީޓީ ފުޅި އާއި ސްޓައިރަފޯމް ފޮށި އެތެރެކުރުން މަނާވާ ތާރީހަށް ބަދަލެއް

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށްޓާއި، 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާ ސުންގަޑިއަށް ބަދަލު ގެނެސްފި އެވެ.

އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އެ އިސްލާހާ އެކު އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާންމު ކުރައްވާ ލިސްޓެއްގައި ހިމެނޭ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެ އެވެ.

އެ އިސްލާހުގެ ދަށުން، ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކްގެ 12 ބާވަތެއް ކަނޑައަޅައި މީގެކުރިން ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް، ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ މަޑުޖެހުމަށް ރިއާޔަތްކޮށް އަދި އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ގަރާރު މިއަދު އިސްލާހުކުރައްވައިފަ އެވެ.

އެގޮތުން ގެންނެވި ބައެއް އިސްލާހުތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، މަނާ ކުރާ ތާރީހަކީ 31 ޑިސެންބަރު 2021 ކަމުގައި ވަނީ ކަނޑައަޅުއްވައިފަ އެވެ،

އޭގެ އިތުރުން، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމަށް މިހާރު ވަނީ ކަނޑައަޅުއްވައިފަ އެވެ.

ހަމައެއާއެކު، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނާ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކުރައްވައިފަ އެވެ. އަދި، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނާ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގަ އެވެ.

2021 ވަނަ އަހަރުގެ ޖޫން އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ،އަދި ލޯޝަން ފުޅި
  • 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި އެތެރެކުރުމުގެ ސުންގަޑި އަށް އަމަލު ކުރާނެ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޖޫން އެކެއްގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް، ޖޫން އެކެއްގެެ ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސް އިން ފުރުސަތު ދޭނެ ކަމަށެވެ.

އެގޮތަށް ނިންމީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޝޭމްޕޫ އަދި ސައިބޯނި ފުޅި ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.

ޑިސެމްބަރު 2023 އިން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ވެސް ރާއްޖެ އެތެެކުރުން މަނާވާނެއެވެ.

comment ކޮމެންޓް