ފުރަތަމަ ކުއާޓަރުގައި 17.9 މިލިއަން ޑޮލަރު ބޭރަށް ފޮނުވި

މީހަކު ޑޮލަރުތަކެއް ހިފައިގެން --- ސަން ފައިލް ފޮޓޯ

ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭޭ ކުންފުނިތައް މެދުވެރިކޮށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި 17.9 މިލިއަން ޑޮލަރު ރާއްޖޭން ބޭރަށް ފޮނުވި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓަރުގެ ކުއާޓާލީ ރިޕޯޓުގައި ބުނެފައިވާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭ ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ވަނީ 16 ޕަސެންޓު އިތުރުވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ނިސްބަތް 38 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިދިޔަ ކުއާޓަރުގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ 55 ޕަސެންޓަކީ ބަންގްލަދޭޝްއަށް ފޮނުވާފައިވާ ފައިސާ އެވެ. 10 ޕަސެންޓު އިންޑިއާ އަށް ފޮނުވިއިރު ފަސް ޕަސެންޓު ފައިސާ ފޮނުވާފައިވަނީ ސްރީލަންކާ އަށެވެ.

ރެމިޓެންސް ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ ކުއާޓަރުގައި 15.7 މިލިއަން ޑޮލަރު އެތެރެވެފައި ވެއެވެ. މިއީ 2020 ގެ ފަހު ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންތު އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަދެފައިވަނީ ޔޫއޭއީ އިންނެވެ. އެއީ އިންވާޑް ރެމިޓެންސްގެ 25 ޕަސެންޓެވެ. 11 ޕަސެންޓު އިނގިރޭސިވިލާތުން އަދިފަސް ޕަސެންޓް އައިސްފައިވަނީ ލެބަނަން އިން ނެވެ.

އެމްއެމްއޭ އިން ބުނީ ރެމިޓެންސްގެ ހިދުމަތްދޭ ދެ ކުންފުންޏެއް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ފުރަތަނަ ކުއާޓަރުގެ ތެރޭގައި، ރެމިޓެންސް ހިދުމަތްދިނުމުގައި ހަރަކާތްތެރިވި އެއް ކުންފުނީގެ ލައިސަންސް ބާތިލް ކުރިކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

comment ކޮމެންޓް