މާޗުގެ ނިޔަލަށް ގްރީން ފަންޑުގައި 921 މިލިއަން ރުފިޔާ

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާޗު މަސް ނިމުނުއިރު ގްރީން ފަންޑުގައި 921.84 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.

އެ މިނިސްޓްރީ އިން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓު ދައްކާގޮތުން މާޗު މަހު ތެރޭ ގްރީން ޓެކްްސްގެ ގޮތުގައި 93.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ރިސޯޓު، ގެސްޓްހައުސް، ސިޓީ ހޮޓާ ތަކުން 92.2 މިލިއަން ރުފިޔާ އަދި ސަފާރީ އުޅަނދުތަކުން 1.1 މިލިއަން ރުފިޔާ އެވެ.

އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުގައި ހިންގާ ރިސޯޓު އަދި ގެސްޓްހައުސް ތަކުންނެވެ. ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު 32 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.

މީގެ އިތުރުން އދ. އަތޮޅުގައި ހިންގާ ގެސްޓްހައުސް، ރިސޯޓު އަދި ސިޓީ ހޮޓާ ތަކުން 18.6 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ދައްކާފައި ވެއެވެ. ބ. އަތޮޅުން މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި 9.9 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ.

މާޗު މަސް ތެރޭ އެކި ޕްރޮޖެކްޓުތަކަށް ގްރީން ފަންޑުން 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

އެ ފަންޑުން ހަރަދު ކުރަނީ ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.

އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓް މެނޭޖުމެންޓުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

comment ކޮމެންޓް