އިންޓަނެޓްގެ އާ އަގުތަކުން ފެންނާނީ ކިހާ ބޮޑު ބަދަލެއް؟

ސަރުކާރުން ވައުދުވެފައިވާ އިންޓަނެޓްގެ އައު އަގުތައް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. މިއީ އެތައް ބަޔަކު ދިގު އިންތިޒާރެއް ކުރި ކަމެކެވެ. އެހެންކަމުން އާ އަގުތަކާއެކު އިންޓަނެޓް ޕެކޭޖުތަކަށް އަންނަ ބަދަލުތައް ބަލައިލުން މުހިންމެވެ.

އަގުގެ އިތުރުން ތުރޮޓްލް ސްޕީޑް ނުވަތަ ކަސްޓަމަރުން ނަގާފައިވާ ޕެކޭޖުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ޑޭޓާ އެލަވަންސް ހުސްވުމުން ދަށްކޮށްލާ ސްޕީޑުވެސް ވަނީ ކުރިއާ އަޅާބަލާއިރު މަތިކޮށްފަ އެވެ. އަގާއެކު އެންމެ މުހިންމު ދެވަނަ ކަމަކީވެސް މިއީ އެވެ. ސަބަބަކީ އެންމެ އަގުހެޔޮ ޕެކޭޖުތަކުގައި ދީފައިވާ ޑޭޓާ އެލަވަންސްއަކީ ބޭނުންކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުސްވާ އެއްޗަކަށް ވުމުންނެވެ.

ސަރުކާރުން އިއުލާނުކުރި އާ އަގުތަކާއި ތްރޮޓުލް ސްޕީޑު ހާއްސަކޮށްފައިވަނީ މައިގަނޑު ތިން ޕެކޭޖަކަށެވެ. އެއީ 5އެމްބީޕީއެސް، 15 އެމްބީޕީއެސް އަދި 25 އެމްބީޕީއެސްގެ ޕެކޭޖުތަކެވެ.

ވަކިވަކިން ޕެކޭޖުތަކަށް ބަލާއިރު، ދިރާގާއި އުރީދޫއިން މިހާރު ލިބެންހުރި 5އެމްބީޕީއެސް ޕެކޭޖުގެ އަގުން ގާތްގަނޑަކަށް 100 ރުފިޔާ ދަށްކޮށް، ތުރޮޓްލް ސްޕީޑު 1އެމްބީޕީއެސްއިން 2އެމްބީޕީއެސްއަށް ވަނީ މަތިކޮށްފަ އެވެ. އެގޮތުން މިހާރު ދިރާގު 5އެމްބީޕީއެސް ޕެކޭޖު ލިބެނީ 350 ރުފިޔާއަށެވެ. އަދި އުރީދޫގެ 5އެމްބީޕީއެސް ޕެކޭޖު ލިބެނީ 349 ރުފިޔާއަށެވެ. ސަރުކާރުން މި ޕެކޭޖުގެ މަންތްލީ އެލަވަންސްއަށް ކަނޑައަޅާފައިވަނީ 30 ޖީބީ އެވެ. މިހާރުވެސް އުރީދޫގެ 5އެމްބީޕީއެސް ޕެކޭޖުން މިވަރު ލިބޭއިރު، ދިރާގުގެ 5އެމްބީޕީއެސް ޕެކޭޖުން 40 ޖީބީ ލިބެ އެވެ.

5އެމްބީޕީއެސްގެ ޕެކޭޖުތަކަށް ގެނައި ބަދަލާއި މިހާރު ޕެކޭޖުތައް ހުރި ގޮތް--

ދެވަނަ ޕެޖޭކަކީ 15 އެމްބީޕީއެސްގެ ޕެކޭޖެވެ. މި ޕެކޭޖުގެ މަންތްލީ އެލަވަންސްއަށް ސަރުކާރުން ކަނޑައަޅާފައިވަނީ 100 ޖީބީ އެވެ. ދިރާގުން މިހާރުވެސް މި އަދަދު ލިބޭއިރު، އުރީދޫގެ 15 އެމްބީޕީއެސް ޕެކޭޖުން ލިބެނީ 75 ޖީބީ އެވެ. މި ޕެކޭޖުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ 500 ރުފިޔާ އެވެ. ނަމަވެސް ދިރާގުގެ 15 އެމްބީޕީއެސް ޕެކޭޖު މިހާރު ލިބެނީ 690 ރުފިޔާއަށެވެ. އަދި އުރީދޫގެ 15 އެމްބީޕީއެސް ޕެކޭޖުގެ އަގަކީ 549 ރުފިޔާ އެވެ. މި ދެ ޕެކޭޖުގެވެސް މިހާރު ތުރޮޓްލް ސްޕީޑަކީ 1 އެމްބީޕީއެސް ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވަނީ ތުރޮޓްލް ސްޕީޑް 5 އެމްބީޕީއެސްއަށް މަތި ކުރުމަށެވެ.

15އެމްބީޕީއެސްގެ ޕެކޭޖުތަކަށް ގެނައި ބަދަލާއި މިހާރު ޕެކޭޖުތައް ހުރި ގޮތް--

ބަދަލު ގެނައި އެންމެ ފަހު ޕެކޭޖަކީ 25 އެމްބީޕީއެސްގެ ޕެޖޭކެވެ. މި ޕެކޭޖަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ 700 ރުފިޔާ އެވެ. މިހާރު މި ޕެކޭޖު ލިބެން ހުރި އަގަކީ ދިރާގުން 990 ރުފިޔާ އަދި އުރީދޫއިން 749 ރުފިޔާ އަށެވެ. އަދި މި ޕެކޭޖުތަކުގެ ތުރޮޓްލް ސްޕީޑުވެސް 1 އެމްބީޕީއެސްއިން 5އެމްބީޕީއެސްއަށް މަތި ކުރަން ސަރުކާރުން ކަނޑައަޅާފައިވާއިރު، މަންތްލީ އެލަވަންސްއަށް ކަނޑައަޅާފައިވަނީ 200 ޖީބީ އެވެ. ދިރާގުގެ 25 އެމްބީޕީއެސް ޕެކޭޖުން މިހާރުވެސް 200 ޖީބީގެ އެލަވަންސްއެއް ލިބެ އެވެ. އުރީދޫއިން ލިބެނީ 120 ޖީބީ އެވެ.

25އެމްބީޕީއެސްގެ ޕެކޭޖުތަކަށް ގެނައި ބަދަލާއި މިހާރު ޕެކޭޖުތައް ހުރި ގޮތް--

ސަރުކާރުން މިއަދު އިއުލާނުކުރި އާ އިންޓަނެޓުގެ އަގުތައް އަމާޒުކޮށްފައިވަނީ އާދައިގެ މިންވަރަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި ސްކޫލް ކުދިންނާއި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އަދި މިއީ ޖީބަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމުގެ އިތުރުން، އިންޓަނެޓް ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވެ، އެކަން ނުކުރެވިފައި ތިބި ފަރާތްތަކަށްވެސް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ބަދަލުތަކަކަށް ވާނެ އެވެ.

އިންޓަނެޓްގެ އަގުތަކަށް ބަދަލުގެނައުން އެކި ފިޔަވަހިތަކަށް ބަހާލާފައިވާއިރު، މިއީ އަދި ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގެ ދަށުން ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތުގެ އަގުތަކަށް އަމަލީގޮތުން ބަދަލު އަންނާނީ މިއަހަރުގެ ޖުލައި މަހުގަ އެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން މިއަހަރުގެ އޮކްޓޫބަރު މަހު މޮބައިލް ބްރޯޑްބޭންޑް ހިދުމަތުގެ އަގުތައް ވެސް ދަށްކުރުމަށް ވަނީ ރާވާފަ އެވެ.

comment ކޮމެންޓް