ޕެނަލްޓީގެ ރޭހުން ޔުނައިޓެޑް ފެއިލުކޮށް ވިޔަރެއާލް ތަށި އުފުލާލައިފި

ޔޫރޮޕާ ލީގު ކާމިޔާބުކޮށް ވިލަރެއާލްއިން އުފާފާޅުކުރަނީ --- ފޮޓޯ/ ލައިވްސްކޯ

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިނގިރޭސވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސްޕެއިނުގެ ވިޔަރެއާލުން ހޯދައިފި އެވެ.

ޕޯލެންޑްގައި ކުޅުނު ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވިއިިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލެއް ނުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 10-11 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗަކީ ވިލަރެއާލުން ނުކުތް ޔޫރޮޕާ ލީގުގެ ފުރަތަމަ ފައިނަލެވެ. އެޓީމުން އަލަށް ޔޫރޮޕާގެ ފައިނަލަކަށް ނުކުތް ނަމަވެސް އެޓީމުގެ ކޯޗު އުނައި އެމެރީއަކީ މުބާރާތުގެ ފައިނަލަށް އާ ކޯޗެއް ނޫނެވެ. އެމެރީ ވަނީ ކުރިން ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިންފަހަރު މި މުބާރާތުގެ ތަށި އުފުލާލައި، ރެކޯޑް ހަދައިފަ އެވެ.

ރޭގެ މެޗުގެ 29 ވަނަ މިނިޓުގައި ވިޔަރެއާލް އިން، ލީޑު ނެގީ ޖެރާޑް މޮރޭނޯ ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓަޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ އެޑިސަން ކަވާނީ ޖެހި ލަނޑަކުންނެވެ.

މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ދިގުލައިިގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓުގައި ވިޔަރެއާލުގެ ގޯލްކީޕަރު ލައިގެން އެ ޓީމުހެ ހުރިހާ ކުޅުންތެރިން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ފޮނުވާލި ޕެނަލްޓީ ވިޔަރެއާލުގެ ގޯލްކީޕަރު ޖެރޯނިމޯ ރޫޔީ ވަނީ މަތަކޮށްފަަ އެވެ.

މި ނާކާމިޔާބާ އެކު، ތައްޓެއް ހޯދުމަށް ޔުނައިޓަޑުން ކުރަމުންދާ އިންތިޒާރު ވަނީ ދިގުދެމިފަ އެވެ. މިއީ ހުސްއަތާ ޔުނައިޓަޑުން ސީޒަން ނިންމާލީ ހަތަރު ވަނަ ސީޒަނެވެ. އެ ޓީމުން މިފަހަރުގެ ލީގު ދެވަނައިގައި ނިންމި އިރު، އެފްއޭކަޕުގެ ސެމީފައިނަލުން ވަނީ ކަޓައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމު ވިޔަރެއާލްގެ ކޯޗު އުނޭ އެމެރީ ބުނީ، މިއީ ލިބުނު ބޮޑުކާމިޔާބީއެއް ކަމަށާއި، އެހެން ނަމަވެސް މި ތަށްޓަކީ އޭނާ މި ކުލަބާ ހަވާލުވި ސީދާ މަގުސަދު ނޫން ކަމަށެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ތަށި ހޯދުމުގެ އިތުރުން ކޮންމެ އަހަރަކު ވެސް ޔޫރޮޕުގެ މުބާރާތްތަކުން ފުރުސަތު ހޯދުން ކަމަށް އެމެރީ ބުންޏެވެ.

comment ކޮމެންޓް