ކޮވިޑުގެ ހާލަތާ ގުޅިގެން ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވާޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ކޮވިޑް19ގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ޕްރެސް ކޮންފަރަންސެއް ދެއްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ ކޮވިޑް19އާ ގުޅިގެން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކާއި ބަލި ކޮންޓްރޯލުކުރުމަށްޓަކައި ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަދެއްކެވުމަށް ކަމަށެވެ.

މަބްރޫކު ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިރޭ 10:00 ގައި ކަމަށެވެ.

ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، މިވަގުތު ރާއްޖޭގައި ކޮވިޑް19 ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 1،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވަމުން ދާ އިރު، ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހިނގާ މޭ މަހުގެ މިހާތަނަށް ބަލީގައި 71 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް19ގެ ހާލަތު ކޮންޓްރޯލުކުރުމަށްޓަކައި މާދަމާއިން ފެށިގެން މާލޭގައި ކާފިއުގެ ވަގުތު އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ހަވީރު 4:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް ކާފިއު ހިންގާ އިރު، ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޕާމިޓެއް ހޯދައިގެންނެވެ. އަދި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް ދެ ހުއްދައެވެ.

comment ކޮމެންޓް