އީސަ ހައްޔަރުކުރަން އަމުރު ނުދިނުން އިސްތިއުނާފު ނުކުރަން ނިންމައިފި

މެމްބަރު އީސަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ޝަފީއު ވިދާޅުވީ ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުން ބިނާކޮށްފައި ވަނީ ހަތަރު ނުކުތާއެއްގެ މައްޗަށް ކަމަށެވެ.

އެގޮތުން އެ މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު އޮތީ ޕޖީ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ވާތީ، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވާތީ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ހަމައެއާއެކު، ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އޭގެ އިތުރުން އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އަމުރަށް އެދި ހުށަހެޅިއިރުގެ ހާލަތާއި، މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

އެކަމާ ގުޅިގެން އަސްރާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަމަށެވެ.

comment ކޮމެންޓް