އޭޑީކޭގައި ކޮވިޑަށް ފަރުވާދޭ ޔުނިޓެއް ގާއިމުކޮށް ފްލޫ ކްލިނިކްގެ ހިދުމަތް ދެނީ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދޭ ހާއްސަ ޔުނިޓަކާއި ފްލޫ ކްލިނިކެއް ހުޅުވައި މާދަމައިން ފެށިގެން ހިދުމަތް ދޭން ފައްޓާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނި ގޮތުގައި ފްލޫ ކްލިނިކުގެ ހިދުމަތުގެ އަގަކީ 100 ރުފިޔާ އެވެ. އަދި ކޮވިޑް-19 އަށް ފަރުވާދޭ ޔުނިޓުގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް 200 ރުފިޔާ ނަގާނެ ކަމަށާއި ސުޕަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދައްކަން 300 ރުފިޔާ ނަގާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. މިއީ މިހާރު ވެސް އެ ހޮސްޕިޓަލުގައި އާންމުކޮށް ޙިދުމަތްދޭ އަގުތައްކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ މާދަމާއިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު 14:00 އިން 16:00 އަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ހެނދުނު 9:00 އިން 16:00 އަށެވެ. ފްލޫ ކްލިނިކަށް ދައްކާނީ ހުން އައުން، ކެއްސައި، ރޯގާގެ އަލާމާތް އަދި ރަހަލުމާއި ވަސްދުވުމުގެ ހިއްސު ގެއްލުމުގެ އަލާމާތް ހުރެގެން ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސް އަކާއި ކޮންޓެކްޓް ވެއްޖެ ހާލަތުގަ އެވެ.

އޭޑީކޭ އިން ބުނި ގޮތުގައި ކޮވިޑް-19 އަށް ފަރުވާދޭ ޔުނިޓުން ހައި ރިސް ފަރާތްތަކަށް މެޑިކަލް އެސެސްމެންޓް ހަދައިދީ، ތެލަސީމިއާ ފަރާތްތަކަށް ލޭ އަޅައިދިނުމުގެ ޙިދުމަތް ފޯރުކޮށްދީ، މާބަނޑު ފަރާތްތަކަށް އެފްއެޗްއެސް އަދި އެންއެސްޓީ ޙިދުމަތް ފަދަ ޙިދުމަތްތައް ދޭނެ އެވެ. މީގެ އިތުރުން ވެސް އެ ޔުނިޓުން އެކި ކަހަލަ އަނިޔާތަކަށް ފަރުވާ ދޭނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19 ޔުނިޓުގެ ޙިދުމަތް ހޯދުމަށް ކުރިޔާލައި އެޕޮއިންޓްމެންޓް ހައްދަން 3300335 އަށް ގުޅަން އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް-19 އަށް ފަރުވާދޭ ޔުނިޓް ހުންނާނީ އޭޑީކޭ ހޮސްޕިޓަލުގެ ޑރ. ޕަންޑިއަން ވިންގް ގަ އެވެ. އެ ޔުނިޓް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު 8:00 ން 16:00 އާ ހަމަޔަށެވެ. ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސް ދުވަހު އެ ޔުނިޓު ބަންދުވާނޭ ކަމަށް އޭޑީކޭ އިން ބުންޏެވެ.

މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތައް ގިނަވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ އަމިއްލަ ފަރާތްތަކުން ފްލޫ ކްލިނިކް ހިންގަން ހުއްދަ ދީފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގްގެ އަދަދުތައް ގިނަ ވުމާއެކު އެޗްޕީއޭއިން ވަނީ ހަމައެކަނި ހައި-ރިސްކު ފަރާތްތައް އެކަނި ކޮންޓެކްޓް ޓްރޭސް ކުރުމަށް ވެސް ނިންމައިފަ އެވެ.

comment ކޮމެންޓް