ކުއްޖެއްގެ ކަންފަތަށް ތަޅުދަނޑި ކޮއްޕައި އަނިޔާކުރި މައްސަލައެއް، އާއިލާއިން ދޫދީފި

ގއ. ކަނޑުހުޅުދޫގައި މަގުމަތިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގއ. ކަނޑުހުޅުދޫގައި 11 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއްގެ ކަންފަތަށް ސައިކަލު ތަޅުދަނޑިއެއް ކޮއްޕައި އަނިޔާ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ އިއްޔެ ހަވީރު އެ ރަށު ބޯޅަ ދަނޑުގައި ކުޅެން ތިބި އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ކުއްޖަކަށް އަނިޔާކުރީ، އެހެން ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށެވެ.

"ކުއްޖަކު ޕޭރެންޓެއް ކައިރިއަށް ގޮސް ބުނީ މިގޮތަށް [އެހެން ކުއްޖަކު] ތިމަންނައަށް އަނިޔާކޮށްފި އޭ. އެގޮތަށް ބުނީމަ ޕޭރެންޓް އައިސް އަނެއް ކުއްޖާގެ ކަންފަތަށް ސައިކަލު ތަޅުދަނޑި ކޮއްޕާ ވަރަށް އަނިޔާ ކުރި ކަމަށް ވަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

އައްބާސާ ވިދާޅުވީ އެކަން ހިނގި އިރު، އޭނާގެ ދަރިފުޅު ވެސް ދަނޑުގައި ކުޅެން ހުރި ކަމަށެވެ.

"ދަރިފުޅު ގެއަށް އައިސް ރޯން ފެށީ. ދެން އަޅުގަނޑު އެހިން ކިހިނެތްހޭ ވީ، ދެން އެކުއްޖާ ވެސް ހުރީ ބިރުވެރި ކަމެއްގެ ތެރޭގަ. ބުނީ ދުވަހަކު ވެސް ދަނޑަކަށް ދާން ވެސް ބޭނުމެއް ނޫނޭ. ކިޔާފަ އިތުރަކަށް ވާހަކައެއް ވެސް ނުދެއްކުނު،" ކައުންސިލަރު ވިދާޅުވި އެވެ.

ނަމަވެސް ފަހުން ކަންހިނގި ގޮތް ކިޔައިދިން ކަމަށާއި، ބެލެނިވެރިޔާ އައިސް ކުއްޖެއްގެ ގައިގައި ތަޅައިގަނެ ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ދަރިފުޅު ކިޔައިދިން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. އެވަގުތު އެތަނުގައި އެހެން ބެލެނިވެރިޔަކު ވެސް ހުރި ކަމަށާއި، އެހެން ނުހެދުމަށް ބުނުމުން ވެސް އަޑު ނާހާ އަނިޔާ ކުރި ކަމަށް، ކުއްޖާއާ ހަވާލާދީ ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ކުއްޖާގެ ކަންފަތަށް ތަޅުދަނޑި ހަރާފައި ހުރިކަމުގެ ނިޝާންތައް ބޭރުން ވެސް ފެންނަން ހުރި ކަމަށެވެ. ނަމަވެސް އެރަށުން އިތުރަށް ބެލެން ނެތުމުން، ކުއްޖާގެ ކަންފަތުގެ އެތެރެއަށް ގެއްލުން ވެފައި ހުރިކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާގެ ކަންފަތަށް މިއަދު ވަރަށް ބޮޑަށް ތަދުވާތީ މިހާރު ވަނީ އިތުރު ފަރުވާއަށް ގދ. ތިނަދު އަށް ފޮނުވާލައިފަ އެވެ.

އާއިލާއިން މައްސަލަ ނަގައިފި

އައްބާސާ ވިދާޅުވީ އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށާއި ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. އަދި މައްސަލައިގައި ސުވާލު ކުރުމަށް، އަނިޔާކުރި ފިރިހެން މީހާ ގެންދިޔަ ކަމަށާއި، ނަމަވެސް އެމީހާގެ އާއިލާއިން އާދޭސް ކުރުމުން އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން މިހާރު މައްސަލަ ނަގާފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެއް ފެމެލީއެއް އެއީ ގާތްގަނޑަކަށް. ދެބެއިންގެ ދެ ދަރި. އެމީހުން އާދޭސްކުރީމަ ޕޭރެންޓުން މައްސަލަ ދޫކޮށްލި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ކައުންސިލަރު ވިދާޅުވި އެވެ.

ނަމަވެސް ބެލެނިވެރިން ތިބީ މައްސަލަ ޖައްސާ ގޮތަށް ކަމަށާއި، އެމީހާ ކުއްޖާއަށް އަނިޔާކުރުމުގެ ސަބަބުން އެހެން ކުދިންނަށް ވެސް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އާންމުކޮށް އެ ގަޑީގައި ކުޅެން ދާނީ ގްރޭޑް އެކަކުން ފެށިގެން ހަޔަކާ ދެމެދުގެ ކުދިން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެކުދިން މިހާރު އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއް ނޫން ދަނޑަށް ކުޅެން. އެއީ ވަރަށް ފުޓުބޯޅައަށް ޝައުގު ހުންނަ ކުދިން. އެހެންވީމަ އެނގޭ ވަރަށް ބޮޑަށް ބިރުގެންފަ ތިބިކަން އެކުދިން،" ކައުންސިލަރު ވިދާޅުވި އެވެ.

comment ކޮމެންޓް