ހުވަދު އަތޮޅު ވިލިނގިލީގައި ކާފިއު ހިންގަނީ

ގއ ވިލިނގިލި -- ފޮޓޯ: އެމްޓީސީސީ

ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ގއ. ވިލިނގިލީގައި ވެސް ކާފިއު ހިންގުމަށް ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު އެންގި އެނގުމުގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑި ހަޔަކުން ފަތިހު ހަތަރެއް ޖަހަންދެން އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން ޕާޓީތަކާއި ހަފްލާތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ އެވެ.

އެޅި ފިޔަވަޅުތައް

  • އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ ނޫޅުން
  • ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން
  • ޔުނިވަސިޓީ އަދި ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން
  • ހޮޓާ ރެސްޓޯރެންޓުތައް ބަންދު ކުރުން. ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތް ދެވޭގޮތަށް

އެފިޔަވަޅުތަކުގެ އިތުރުން ފިހާރަތަކުންނާއި ޓެކްސީގެ ހިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑަލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފަ އެވެ.

ހުވަދު އަތޮޅުގެ ޖުމްލަ ހަ ރަށެއް މިވަގުތު އޮތީ މޮނިޓަރިންގް ހާލަތުގަ އެވެ. އެ ރަށްތަކަކީ ތިނަދޫގެ އިތުރުން ގއ. ވިލިނގިލި، ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ދާންދޫ، އަދި ގދ. ވާދޫ އެވެ. ހުވަދު އަތޮޅުގައި މިވަގުތު އެކްޓިވް 177 ކޭސް އެބަ ހުއްޓެވެ. އެއީ ގދ. އަތޮޅުން 97 ކޭސް އަދި ގއ. އަތޮޅުން 80 ކޭސް އެވެ.

comment ކޮމެންޓް