ގއ. ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައިގެ ތަހުގީގު އަވަސްކޮށް، ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކޮށްދޭން އެރަށު ކައުންސިލުން ގޮވައިލައިފިއެވެ.
މިދިޔަ ބުރަސްފަތި ދުވަހު ހިނގި މި ހާދިސައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހޮސްޕިޓަލަށާއި ހިއްހީ ނިޒާމަށް އިހުމާލުގެ އިނގިލި ދިއްކުރަމުންނެވެ.
ވިލިނގިލީ ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި އެ ރަށު ޒަމާނީވިލާ ފާތިމަތު ޝިއުނާއާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި ހާދިސާގައި އެއްވެސް ބައެއްގެ އިހުމާލެއް އޮތްނަމަ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މި ހާދިސާއަކީ ވިލިނގިލީ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ހާދިސާއެއްކަމާއި، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ.
"ގއ.އަތޮޅު ހޮސްޕިޓަލަކީ ހުވަދުއަތޮޅު އުތުރުބުރީގެ މުޅި އާބާދީއަށާއި، ސަރަހައްދުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓްތަކަށާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށާއި، ކޫއްޑޫ އެއާޕޯޓަށް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ހޮސްޕިޓަލް" އެ ކައުންސިލްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން، މި ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮފެޝަނަލް މުއައްސަސާއެއްކަމުގައި ވާންޖެހޭކަމަށް އެ ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސަރުކާރުން ސިއްހީ ޚިދުމަތަށް ބޮޑު ހޭދައެއްކުރި ނަމަވެސް އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބޭނީ އެކަމާ ހަވާލުވެ ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުންކަމަށް ވިލިނގިލީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޝިއުނާގެ ދެމައިންގެ މި ހާދިސާގެ ތަހުގީގު އަވަސްކުރުމަށް ސިއްހީ ވުޒާރާއާއި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ގޮވައިލައި ވިލިނގިލީ ކައުންސިލުން ވަނީ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.
މި ހާދިސާއާއެކު ވިލިނގިލީ ރައްޔިތުން އަންނަނީ އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތުގެ ފެންވަރާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ވިލިނގިލީގައި މިއަދު ވަނީ އިހުތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މީގެ ކުރިން މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ވަނީ، މި ހާދިސަގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ.