ބައްދަލުވުމެއް ނުބޭއްވި، އުނިކުރަން ޖެހޭ ނަންތަކެއް ހިޔާނާތުގެ ލިސްޓުގައި؟!

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ފައިދާވި ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ލިސްޓުގައި ހުރި ބައެއް ނަންތައް އުނިކުރަންޖެހޭ ކަމަށާއި، އެކަން ނުވެ އޮތީ ކޯރަމް ހަމަވާ ބައްދަލުވުމެއް ނުބޭއްވިގެން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވި ކަމަށް ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ނުވަތަ އެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގައާއި، ޝަރުއީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، މިނިސްޓަރުންގެ ގޮތުގައާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ކުރީގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ފަރާތްތައް ހިމެނެ އެވެ.

އެ މައްސަލަ ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ މައްޗަށް އިތުރަށް ތަހުގީގެއް ހިންގުމަށްފަހުގައި މެނުވީ އެފަރާތްތަކުގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ ދައުވާއެއް އުފުލަންޖެހޭ ކަމަށް ކަނޑަނޭޅެނެ ކަމަށް އެސޭޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކަކީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެފަރާތަކަށް ފައިސާ ލިބުނުކަން ބޭންކު ސްޓޭޓްމަންޓާއި ބޭންކުގެ އެހެނިހެން ލިޔެކިޔުންތަކުން ނުވަތަ މީހެއްގެ ބަޔާނަކުން ނުވަތަ ޑިޖިޓަލް އެވިޑެންސްގެ ޒަރިއްޔާއިން މައުލޫމާތު ލިބިފައިވާ ފަރާތްތައް ކަމުގައި އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް އެ ރިޕޯޓަށް ބަހުސް ކުރައްވަމުން، އަނދުން ހުސައިން މިއަދު ވިދާޅުވީ، އެ މައްސަލަ ބެލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހައިސިއްޔަތުންނާއި، އަދި ފަރުދީ ޒިންމާއެއް ކަމުގައި ދެކެވަޑައިގެން، މައްސަލައާ ގުޅޭ ބައެއް މައުލޫމާތު، ކޮމިޝަންގެ ރައީސްގެ ކިބައިން ސާފުކުރެއްވި ކަމަށެވެ.

އެގޮތުން، ބޭނުންވާ ހުރިހާ ހެއްކެއް ހުށަހަޅާފައި ވަނިކޮށް ވެސް ބައެއް ނަންތައް ލިސްޓުގައި ހިމަނާފައި ވަނީ ކީއްވެތޯ އަސްއަދު ކިބައިން އެއްސެވި ކަމަށް ވިދާޅުވި އެވެ.

"ވިދާޅުވީ ތި ފަރާތްތަކަކީ ހަގީގަތުގައި ނަން އުނިކުރަން ޖެހޭ ފަރާތްތަކެއް ކަމަށް. އެހެން ނަމަވެސް ތިމަންނާ އެކަނި އިނދެ އުނި ނުކުރެވޭނެ ކަމަށާއި ސަރުކާރުގެ އެތައް ވުޒާރާއެއްގެ ބޭފުޅުން މި ކޮމިޝަނުގައި ހިމެނޭ ކަމަށާއި، އެ ހުރިހާ ބޭފުޅުން އެއްތަނަކަށް އެއް ވަގުތަކަށް ގެންނަން ދަތިފުޅުވާ ކަމަށާއި އެހެންކަމުން މީޓިން އެއް ނުބޭއްވި، ކޯރަމް ހަމަވާ މީޓިން އެއް ނުބޭއްވުމުގެ ސަބަބުން އެކަށީގެންވާ ހެކި ލިބުނު ކަމުގައި ވީނަމަވެސް، އަޅުގަނޑަށް މިއޮތީ މީޓިން އެއް ނުބޭއްވުމުގެ ސަބަބުން ބައެއް ނަން އުނި ނުކުރެވިއޭ،" އަނދުން ހުސައިން ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ތަހުގީގު އިތުރަށް ކުރިއަށްދާ ވަރަކުން އެ ނަންތައް އުނިވާނެ ކަމަށާއި، އެ މައުލޫމާތު މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންމެހެން މި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަކީ ހިޔާނާތްތެރިން ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ އެއް ވެސް ނޫން. އެހެން އަޅުގަނޑު ދެންނެވީއެއް ވެސް ނޫން،" މެމްބަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި ކުށްވެރިން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އަސްއަދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

"ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ. އެއީ ޕާސަންސް އޮފް އިންޓްރެސްޓޭ. އަދި އެއީ ރަނގަޅުތޯ ގޯސް ބައެއްތޯ އަޅުގަނޑުމެން ނުނިންމަން. އެކަން އެއީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. އެބޭފުޅުން ދެއްވާ މައުލޫމާތާއި އަޅުގަނޑުމެން ހޯދާ ހެކިތަކުގެ އަލީގައި ތަހުގީގުކޮށް އޭގެތެރެއިން އެއްބަޔަކަށް ދައުވާ ކުރަން ދާނެ،" އަސްއަދު ވިދާޅުވި އެވެ.

comment ކޮމެންޓް