ފިޔަވަޅުތަކާ ހިލާފުވި 352 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް ފިޔަވަޅުތައް ތަންފީޒުކުރަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވި 352 މީހަކު އިއްޔެ ޖޫރިމަނާކޮށްފި އެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެ އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 217 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. އަދި މާސްކު ނާޅާ އުޅުނު 135 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށް އެ ވަގުތުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

ކެފޭ/ފިހާރަ/ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިން ތިން ތަނެއް ބަންދުކޮށްފައިވާ ކަމަށް ވެސް މަބްރޫކް ރޭ ވިދާޅުވި އެވެ.

ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ. ފުލުހުންގެ ހުއްދައާ އެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ކޮވިޑް19ގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއެކު ސިފައިން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް