މުވާސަލާތީ ހިދުމަތުގެ އަގުކުޑަކުރަން ބޭރަށް އިތުރު ސަބްމެރިން ކޭބަލްތައް އަޅާނެ: މިނިސްޓަރު

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ-- ފޮޓޯ/ރައީސް އޮފީސް

މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭއާއި ބޭރުދުނުޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޝައުނާ ދެއްވި ހިތާބުގައި ވިދާޅުވީ އިތުރު ސަބްމެރިން ކޭބަލްތަކާއެކު އަންނަ ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގްތިސާދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މިއަހަރުވެސް ފާހަގަ ކުރެވެނީ މުޅި ދުނިޔެއާއި ރާއްޖެވެސް ކޮވިޑް19އިން އަރައި ނުގަނެވި އުޅެނިކޮށްކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ މި ހާލަތުގައި މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ވެސް، ޓެލެކޮމިއުނިކޭޝަން އާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންތެރިކަން އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރަކަށް ދުނިޔޭގެ މުވާސަލާތީ ޖަމްޢިއްޔާ އައި.ޓީ.ޔޫ އިން ކަނޑައަޅާފައިވަނީ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އިން ޗެލެންޖިން ޓައިމްސް" އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ދިޔައީ މުޖްތަމައުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައި.ސީ.ޓީ ވަސީލަތްތައް އަދާ ކުރާ މުހިއްމު ދައުރު ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ހާމަވެގެންދިޔަ ކަމަށެވެ.

ރާއްޖޭގެ އައި.ސީ.ޓީ މާހައުލަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ މީގެ 78 އަހަރު ކުރިން ތައާރަފްކުރި މި ހިދުމަތަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބާ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައި ވެސް ފައިބާ ނެޓްވޯކްތައް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކޮށްފައިވާ މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ދުވަހުން ދުވަހަށް ފައިބާ ނެޓްވޯކް ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވާކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ލިބޭކަން ފާހަގަކުރަން. މި ހިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކުރަން. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީގެ ހިދުމަތް ފޯރާފައިވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ހިދުމަތްވެސް ރާއްޖެއަށް ވަނީ ތައާރަފްކުރެވިފައި" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އައި.ސީ.ޓީ ދާއިރާއަށް ކުރިއެރުން އައި ނަމަވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައި. ރައްޔިތުންގެ މި އިހުސާސްތަކަށް ރިއާޔަތްކޮށް، އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން. އަދި ރާއްޖޭއާއި ބޭރުދުނުޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމްކުރުމަކީވެސް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް. މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގްތިސާދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް