އާއިލީ ބައްދަލުވުމެކެވެ. ނުވަތަ ރައްޓެހިންނާއެކު ކޮފީ މޭޒުދޮށުގައި ހޭދަކުރާ ވަގުތުކޮޅެކެވެ. އެންމެން ތިބީ އެއްތަނެއްގައެވެ. ނަމަވެސް ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ސްމާޓްފޯނަށެވެ. މީހަކު ވާހަކައެއް ދެއްކި ނަމަވެސް، އަނެކާ އިނީ ސޯޝަލް މީޑިއާއަށް ގެއްލިފައެވެ. ބޯޖަހާލާފައި ހޫނ ލައްވާލި ނަމަވެސް، ދައްކާ ވާހަކައަކަށް ސަމާލުކަމެއް ނުދެވެއެވެ. މިއީ މިއަދު ދިވެހި މުޖުތަމައުންވެސް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިއީ މުޅި ދުނިޔެއަށްވެސް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.
އަޅުގަނޑުމެން މިއަދު މި އުޅެނީ މުވާސަލާތީ ގޮތުން އެންމެ ފަސޭހަ ޒަމާނުގައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް މެސެޖު ފޮނުވާލެވެއެވެ. ވީޑިއޯ ކޯލްތަކުގެ ޒަރީއާއިން ދުރުމިން ނައްތާލައިފިއެވެ. އިނގިލި ކުރިން ފޯނުގެ ސްކްރީން ކަހާލުމާއެކު، އެތައް ސަތޭކަ ބައެއްގެ ދިރިއުޅުމުގެ ކަންކަން އެނގިގެންދެއެވެ. ނަމަވެސް، މިހާ ފަސޭހައިން ގުޅުން ބޭއްވެން އޮތް ޒަމާނެއްގައި، ގިނަ ބަޔަކަށް އިހުސާސްކުރެވެނީ އެކަނިވެރިކަމެވެ. މީހުންނާ އޮންނަ ގުޅުން ކެނޑިފައިވާ ކަމުގެ އިހުސާސެވެ.

މިއަދު ގުޅުންތައް ވަރަށް ބަލިކަށްޓެވެ. ރަހުމަތްތެރިކަން އަވަހަށް ހީނަރުވެއެވެ. ކައިވެނިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އާއިލީ ގުޅުންތައްވެސް ބިނާވެފައި އޮންނަނީ ކޮންމެވެސް މަންފާއެއް ހާސިލުކުރުމުގެ މައްޗަށެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ މެދުގައިވެސް އެކަނިވެރިކަން އަންނަނީ އާންމުވަމުންނެވެ. މިހެން ދިމާވަނީ ކީއްވެގެންތޯއެވެ؟ މީގެ ޖަވާބު ގުޅިފައިވަނީ އަޅުގަނޑުމެން ކުރާ ކަންކަމަކާ ނޫނެވެ. ނަމަވެސް، އަޅުގަނޑުމެން ކުރުން ހުއްޓާލާފައިވާ ކަންކަމާއެވެ.
ޒަމާނީ ގުޅުންތަކުން އެންމެ ފުރަތަމަ ގެއްލިގެން ދިޔައީ ހާޒިރުވެ ހުރުން ނުވަތަ ސަމާލުކަން ދިނުމެވެ. ފޮލޯވަރުން ގިނަ މި ޒަމާނުގައި، ހަގީގީ ރައްޓެހިންގެ އަގު ވަޒަންކުރަން ޖެހެއެވެ. ގިނަ މީހުން ޖިސްމާނީ ގޮތުން އެއްތަނެއްގައި ތިބި ނަމަވެސް، ސިކުނޑި އޮންނަނީ އެހެން ތަނެއްގައެވެ. ވާހަކަދައްކަމުން ދާއިރުވެސް ވާދަކުރަން ޖެހެނީ ފޯނަށް އަންނަ ނޮޓިފިކޭޝަންތަކާއެވެ. އާއިލާއާއެކު ކާން ތިބޭ ވަގުތުތަކުގައިވެސް އިސްކަންދެވެނީ ސްކްރީންތަކަށެވެ.
ފޯނުން މެދުކެނޑުމެއްނެތި އެކި އެއްޗެހި ބެލުމުގެ ސަބަބުން، މީހާ އެތަނެއްގައި ހުރި ކަމުގެ ދޮގު އިހުސާސެއް އުފައްދައިދެއެވެ. އަޑުއިވުނު ނަމަވެސް ކަނުލައި އަޑެއް ނާހައެވެ. ޖަވާބު ދިން ނަމަވެސް، ދައްކާ ވާހަކައިގެ މާނައެއް ނުވިސްނެއެވެ. މީހަކު އަގުވަޒަންކުރާ ކަމުގެ އިހުސާސް ކުރުވުމަށްޓަކައި، ހަމައެކަނި ބޯޖަހާލުމަކުން ނުފުދެއެވެ. އެމީހުންނަށް ސަމާލުކަންދީ، ދައްކާ ވާހަކަ އަޑުއަހައި، އެކަން ގަބޫލުކުރާކަން އަންގައިދޭން ޖެހެއެވެ. ހަގީގީ ސަމާލުކަމާއެކު އަޑުއެހުމަކީ އެކަކު އަނެކަކަށް ދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާ ކަމަށާއި، ނަމަވެސް ސަމާލުކަން ގެއްލޭ ގޮތަށް ބައްޓަންވެފައިވާ މި ދުނިޔޭގައި އެއީ ވަރަށް ނާދިރު ކަމަކަށް މިހާރު ވަނީ ވެފައެވެ.
ގުޅުންތަކުން ގެއްލިފައިވާ އަނެއް ސިފައަކީ ކެތްތެރިކަމެވެ. އަޅުގަނޑުމެން މިއަދު ދިރިއުޅެމުން މިދަނީ ކޮންމެ ކަމެއްވެސް ވަގުތުން ވަގުތަށް ބޭނުންވާ ސަގާފަތެއްގައެވެ. ކާބޯތަކެތި އޯޑަރުކޮށްލާފައި މަދު މިނެޓުކޮޅެއްގެ ތެރޭގައި ލިބެއެވެ. މުނިފޫހިފިލުވުމުގެ ވަސީލަތްތައް ބޭނުންވި އިރަކުން ލިބެން ހުރެއެވެ. މައުލޫމާތުތައްވެސް ވަގުތުން ލިބެއެވެ. މިކަމުގެ ސަބަބުން، ގުޅުންތަކުގައިވެސް ވަގުތުން ނަތީޖާ ނެރުމަށް އުންމީދުކުރެވެއެވެ. މައްސަލައެއް ޖެހުމުން، އެކަމެއް ހައްލުކުރުމުގެ ބަދަލުގައި ގިނަ މީހުން އިހުތިޔާރުކުރަނީ ދުރަށް ދިއުމަށެވެ. ރަހުމަތްތެރިކަމުގައި އުނދަގޫތަކާ ކުރިމަތިވުމުން، އެ ގުޅުމެއް ދޫކޮށްލައެވެ. ހިޔާލުތަފާތުވުންތައް އުފެދުމުން، އެއީ ގުޅުން ކުރިއެރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އެކުގައި ނޫޅެވޭނެ ކަމުގެ ނިޝާނެއް ކަމަށް ނިންމައެވެ.

ކެތްތެރިކަމެކޭ އެއްފަދައިން، އެހެން މީހުންގެ ތަފާތުތައް ގަބޫލުކުރުން ނުވަތަ ތަހައްމަލުކުރުންވެސް ވަނީ މަދުވެފައެވެ. އެހެން މީހުންވެސް ވިސްނަންވާނީ އަދި އަމަލުކުރަންވާނީ ހަމަ ތިމާއެކޭ އެއްގޮތަށް ކަމަށް ގިނަ ބަޔަކު މިއަދު އުންމީދުކުރެއެވެ. ނަމަވެސް ކޮންމެ މާނަހުރި ގުޅުމެއްގައިވެސް، މީހުންގެ މިޒާޖާއި، އާދަތަކާއި، ހިޔާލުތަކާއި، އަދި ލޯބި ފާޅުކުރާ ގޮތް ތަފާތުވާނެކަން ގަބޫލުކުރަން ޖެހެއެވެ.
ތަހައްމަލުކުރުމާ ގުޅިފައިވާ އަނެއް ކަމަކީ މާފުކުރުމެވެ. ކޮންމެ ގުޅުމެއްގައިވެސް މާޔޫސްވާ ފަދަ ކަންކަން ދިމާވާނެއެވެ. ރުޅިއައިސްގެން ގޯސް އެއްޗެހި ބުނެވޭނެއެވެ. އުންމީދުކުރި ގޮތަށް ކަންކަން ނުވެދާނެއެވެ. އަދި ކުށްތައްވެސް ކުރެވޭނެއެވެ. މާފުކޮށްފައި އަލުން ފެށުމުގެ ރޫހެއް ނެތި، އެއްވެސް ރަހުމަތްތެރިކަމެއް، ކައިވެންޏެއް ނުވަތަ އާއިލީ ގުޅުމެއް ދެމިއެއް ނޯންނާނެއެވެ. ނަމަވެސް މިއަދުގެ ސަގާފަތް ބާރުއަޅަނީ، ގުޅުންތައް ރަނގަޅުކުރުމުގެ ބަދަލުގައި ދުރުހެލިވުމަށެވެ. އިންތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ނަމަވެސް، މާފުކުރުމުގެ ސިފަވެސް ހުންނަން ޖެހޭނެއެވެ. ކޮންމެ ހިޔާލުތަފާތުވުމަކީ ގުޅުން ކަނޑާލަންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.
ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ނުވިސްނުމަކީ މިއަދު އެންމެ ބޮޑަށް އުނިވެފައިވާ ކަންތައް ކަމަށް ވެދާނެއެވެ. ކެރިއަރު ބިނާކުރުމަށާއި، ތައުލީމު ހާސިލުކުރުމަށާއި، ވަޒީފާގެ ކުރިއެރުން ހޯދުމަށް އަޅުގަނޑުމެން އެތައް އަހަރެއް ހޭދަކުރަމެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތަކާ ނުލައި ގުޅުންތައް ބަދަހިވާނެ ކަމަށް ބައެއް ފަހަރު އުންމީދުކުރެވެއެވެ. ހަރުދަނާ ގުޅުންތަކަކީ އިއްތިފާގުން އުފެދޭ އެއްޗެއް ނޫނެވެ. އެކަމަށް ވަގުތާއި، ގުރުބާނީއާއި، ސާބިތުކަމާއި، އަދި އަމިއްލަ އެދުންތަކަށްވުރެ އަނެކާގެ ބޭނުންތަކަށް އިސްކަންދިނުން ބޭނުންވެއެވެ.
ޓެކްނޮލޮޖީގެ ސަބަބުން މުވާސަލާތުކުރުން ފަސޭހަވި ނަމަވެސް، ހަގީގީ ގުޅުން އުފެއްދުން ފަސޭހައެއް ނުވެއެވެ. މުވާސަލާތުކުރުމަކީ މައުލޫމާތު ބަދަލުކުރުމެވެ. ނަމަވެސް ގުޅުމަކީ އެކަކު އަނެކަކަށް ވިސްނައިދިނުމެވެ. ބައެއް ގޭގޭގައި ކާން ތިބޭ ވަގުތުތަކުގައާއި ޓީވީ ބަލަން ތިބޭ ވަގުތުތަކުގައި ފޯނު ގެންގުޅުމަކީ މަނާ ކަމެކެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކާ ދުރަށް ގޮސް، މުހިންމު މީހުންނާއެކު ވަގުތު ހޭދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ގުޅުންތައް ބަދަހިވަނީ އެކުގައި ތިބޭ ތިބުމަކުން ނޫނެވެ. ނަމަވެސް ހަގީގީ މާނައިގައި ސަމާލުކަންދީގެން ހާޒިރުވެ ތިބުމުންނެވެ.