ހަރުކަށި ފިކުރުގެ އަމަލުތަކުގެ ނުރައްކާ ފިލައެއް ނުދޭ: މަޖިލިސް

ރައްޔިތުންގެ މަޖިލީސް ކުރާގެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބުނު ޒަޚަމްތަކަށް ފަރުވާކޮށް، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އެމަނިކުފާނަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައި ހަމަލާއެއް ދީފައިވާ އިރު، ރައީސް ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީ އަދި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދުމަށްފަހު އެމަނިކުފާނުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އަދި ރައީސް ނަޝީދު މިވަގުތު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތުގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލެއިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީވެސް ދީނީ ހަރުކަށި ފިކުރާ ގުޅޭ މީހުންނެވެ.

https://sun.mv/152031

އެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައެއް ނުދެއެވެ.

"މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅިފައިވުމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ،" މަޖިލީހުން ނެރުނު ކުރު ބަޔާނުގައި ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން މިހެން ބުނެފައިވާ އިރު، ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މިއަދު ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

https://sun.mv/152251

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އިއްޔެ ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާވާކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ޝަމާލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަކީ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ޕްރޮޓެކްޝަން އަދި ޑިފެންސް އިންޓެލިޖެންސް ސާވިސް އާ ގުޅިގެން ހަދާފައިވާ އެސެސްމެންޓުތަކުގެ އަލީގައި އެންމެ ސެކިއުރިޓީ މަތީ ލެވެލްގައި ނުވަތަ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ދީފައި ވާނީ އެންމެ މަތީ ލެވެލްގެ ސެކިއުރިޓީ އެއް ކަމަށެވެ.

ނަމަވެސް ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކުކޮށްފައި ހުރުމަކީ ސެކިއުރިޓީ ތްރެޓެއްގެ ގޮތުގައި ދެކި އެ މަގުގައި ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފް އިން މީގެކުރިން މާލޭ ސިޓި ކައުންސިލްގައި ވަނީ އެދިފަ އެވެ. ހަމަލާ ދިން އިރުވެސް، އެމްއެންޑީއެފް އިން އެދުނު ގޮތަށް އެކަން ކުރެވިފައެއް ނެތެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ"ހަމަ ގައިމުވެސް، ފުލުހުންނަށް" އެފަދަ އިންޓެލިޖެންސެއް ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް