ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ދިނިން: އިލްޔާސް

އެމްޑީޕީއިން ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ހެދުމަށް މިއަދު ފެށި ވޯކްޝޮޕުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދަށް ހަމަލާދިނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާއަށް ފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އިންޓެލް ފެއިލް ވީތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރި ނަމަވެސް އެ ސުވާލަށް އެންމެ އެކަށީގެންވާ ޖަވާބެއް ސަލާމަތީ ބާރުތަކަށް ދެވިފަ އެއް ނުވެ އެވެ.

މީގެ ކުރިން އޮތް ޖަލްސާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ރައީސް ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ސީދާ މިނިސްޓަރު މާރިޔާ އާ ހިއްސާކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ. މީޑިއާ ރިޕޯޓުތަކާ ގުޅިގެން މިނިސްޓަރު މާރިޔާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

މާރިޔާ އާ ހަވާލާދީ "ރާއްޖެ އެމްވީ" އިން ބުނެފައި ވަނީ، ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމުންގެ ފަރާތަކުން ދިން މައުލޫމާތެއް މެމްބަރަކު މިނިސްޓަރާ ހިއްސާކުރެއްވި ކަމަށެވެ. ނަމަވެސް އެއީ "ކްރެޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސެއް" ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންނަށް ހިއްސާކުރަން އެދުނު ކަމަށެވެ.

ނަމަވެސް މެމްބަރު އިލްޔާސް ވަނީ މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމަށް މީހެއްގެ ފަރާތުން މައުލޫމާތު ލިބުމުން، އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދާ ހިއްސާކުރެއްވި ކަމަށެވެ.

އަދި ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން، ލިބިފައިހުރި މައުލޫމާތުގެ ތަފްސީލް މިނިސްޓަރު މާރިޔާއަށް ދެއްވިކަމަށެވެ.

"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން، އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް އާ ހިއްސާކުރުމަށް އަޅުގަނޑަށް އެފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެ އެވެ." އިލްޔާސް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެއްކަމަށް ޓެރެރިޒަމް ހުއްޓުވުމާއި، މަނާކުރުމުގެ ގާނޫނުގައި ވެއެވެ.

އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބަރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އެ މައުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ސިފައިންގެ ބައެއް ވެރީންނާއެކު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ޝަމާލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަކީ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ޕްރޮޓެކްޝަން އަދި ޑިފެންސް އިންޓެލިޖެންސް ސާވިސް އާ ގުޅިގެން ހަދާފައިވާ އެސެސްމެންޓުތަކުގެ އަލީގައި އެންމެ ސެކިއުރިޓީ މަތީ ލެވެލްގައި ނުވަތަ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ދީފައި ވާނީ އެންމެ މަތީ ލެވެލްގެ ސެކިއުރިޓީ އެއް ކަމަށެވެ.

ނަމަވެސް ނީލޯފަރު ހިނގުމުގައި ސައިކަލު ޕާކުކޮށްފައި ހުރުމަކީ ސެކިއުރިޓީ ތްރެޓެއްގެ ގޮތުގައި ދެކި އެ މަގުގައި ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފް އިން މީގެކުރިން މާލޭ ސިޓި ކައުންސިލްގައި ވަނީ އެދިފަ އެވެ. ހަމަލާ ދިން އިރުވެސް، އެމްއެންޑީއެފް އިން އެދުނު ގޮތަށް އެކަން ކުރެވިފައެއް ނެތެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ"ހަމަ ގައިމުވެސް، ފުލުހުންނަށް" އެފަދަ އިންޓެލިޖެންސެއް ލިބިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް