ލަންކާގެ ކޮވިޑް ވެކްސިން ޕްރޮގްރާމަށް ވޯލްޑް ބޭންކުން 80 މިލިއަން ޑޮލަރު ދެނީ

ލަންކާއިން ވަނީ ޖެނުއަރީ މަހު ކޮވިޑް ވެކްސިން ދޭން ފަށާފަ -- ފޮޓޯ: އޭޕީ

ކޮލޮމްބޯ (މެއި 14): ސްރީލަންކާގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެގައުމަށް 80 މިލިއަން ޑޮލަރު ދޭން އެއްބަސްވުމެއް ހަދާފައިވާ ކަަމަށް ވޯލްޑް ބޭންކުން އިއްޔެ ބުނެފި އެވެ.

ލަންކާއިން ކޮވިޑް-19 ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމަށް މިދިޔަ އަހަރު އެގައުމަށް 128.6 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ވޯލްޑް ބޭންކުން މިފަހަރު ދޭ އެހީގެ ބޭނުމަކީ، ލަންކާއަށް ވެކްސިން ގަތުމަށާއި އެ ވެކްސިން މީހުންނަށް ފޯރުކޮށްދިނުމުގައި އެހީވުމާއި ސިއްހީ ނިޒާމުތައް ވަރުގަދަ ކުރުން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެ އެއްބަސްވުމުގައި ލަންކާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ފައިނޭންސް، ސަޖިތު އަޓީގޯލްލަ އެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުން ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދް ޒާވޮސް އެވެ.

"ބަލިމަޑުކަމުން ލިބޭ ގެއްލުމުން ލަންކާގެ ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަދި އަޅުގަނޑުމެން ދަނީ ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ވަރުގަދަ ކުރުމަށާއި ފުޅާ ކުރުމަށް ހާއްސަ އިސްކަމެއް ދެމުން. [ވޯލްޑް ބޭންކުގެ] މި އެހީއަކީ، ލަންކާގައި ތިބި ވެކްސިނަށް ޝަރުތު ހަމަވާ މީހުންނަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އެހީއަކަށް ވާނެ،" ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗި ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ލަންކާއަށް އެ އެހީ ދެނީ، އިންޑިއާއިން ކޮވިޝީލްޑް ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ސަބަބުން އެ ވެކްސިން ހޯދުމުގައި ލަންކާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓު ކުރި އެވެ.

އެ ނޫސް އޭޖެންސީން ރިޕޯޓުކުރާ ގޮތުން، މިދިޔަ ޖެނުއަރީ މަހުގެ 29ގައި ލަންކާއިން ކޮވިޝީލްޑް ވެކްސިން ދޭން ފެށި އިރު އެގައުމުން ވަނީ 925،242 މީހުންނަށް ފުރަތަމަ ޑޯޒް ދީފަ އެވެ. އަދި މިވަގުތު ލަންކާގެ ހެލްތު މިނިސްޓްރީއަށް ލިބިފައި ވަނީ ކޮވިޝީލްޑްގެ 350،000 ޑޯޒް ކަމަށާއި އެހެންކަމުން ފުރަތަމަ ބުރުގައި ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒް ދޭން އެގައުމަށް އިތުރު ޑޯޒްތައް މިހާރު ބޭނުންވެފައިވާ ކަމަށް އޭޕީގައިވެ އެވެ.

ކޮވިޝީލްޑްގެ އިތުރުން ލަންކާއިން ދަނީ ޗައިނާގެ ސައިނޯފާމް ވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް-5 ވެކްސިންވެސް ދެމުންނެވެ.

comment ކޮމެންޓް