އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ބަލައި މިއަދު މޫސުމާ ބެހޭ އިދާރާއިން ނެރުނު އޮރެންޖު އެލާޓްގެ މުއްދަތު، މިރޭގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައިވަނީ 15:15 އިން ފެށިގެން ހަވީރު 17:15 އާ ހަމައަށެވެ. މިހާރު އެ އެލާޓުގެ މުއްދަތު ވަނީ މިރޭ 19:30 އަށް އިތުރުކޮށްފައެވެ.
މެޓުން ބުނީ މި ގަޑިތަކުގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ރާޅު އެރުން އެކަށީގެންވާ ކަމަށެވެ.
އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި، އާދަޔާހިލާފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ.
އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް އަތޮޅު ތަކަށް އަންނަނީ އުދަ އަރަމުންނެވެ. އެގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ އަށް އުދައަރަމުންދާ ދާކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
މެޓުން މިއަދު ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މެޓުން ވަނީ މިއަދު 15:30 ން 20:30 އަށް، ކ. އަތޮޅުން ފެށީގެން ވ. އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. މެޓުން ބުނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރެވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.