ޗައިނާއަށް ފުރާ ގައުމީ ޓީމް ޖެންގައި ކޭމްޕް ކޮށްފި

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ފޮޓޯ އެފްއޭއެމް

ކޮވިޑްގެ ސަބަބުން ފަސްކޮށްފައިވާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ޗައިނާއަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމު ބުރާސްފަތި ދުވަހު މާލޭގައި ކޭމްޕްކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗުގައި ކުޅެން ތާވަލު ކުރި މެޗުތައް ކޮވިޑްގެ ސަބަބުން ފަސްކުރަމުން އައިސް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމައިފަ އެވެ. އެއާ އެކު އިއްޔެ ވަނީ މި މެޗުތަކަށްދާ ގައުމީ ޓީމުގެ 25 ކުޅުންތެރިއަކާއި އަށް އޮފިޝަލަކު މާލޭގައި ކޭމްޕް ކޮށްފަ އެވެ.

ގައުމީ ޓީމުގެ މި ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ ހޮޓެލް ޖެން ގަ އެވެ. މި ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ކޭމްޕްކުރި އިރު ހުރިހާ ކުޅުންތެރިން ވަނީ ޕީސީއާރު ޓެސްޓް ހަދައިފަ އެވެ. އަދި އެހެންމެ އިތުރު ޕީސީއާރު ޓެސްޓްތަކެއް ކުރިއަށް އޮތް ހަފުތާގެ ތެރޭ ކުރާނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ޗައިނާއަށް ކުޅުންތެރިން ދިއުމުގެ ކުރިން ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް އެޗްޕީއޭ އިން ނެރުނު ގައިޑްލައިންތަކާ އެކު ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވި އެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އަންގައިފަ އެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންގެ ސްކޮޑު އެފްއޭއެމުން އަދި ރަސްމީކޮށް މީޑިއާ އަށް އިއުލާނެއް ނުކުރެ އެވެ. ކުލަބް ފުޓުބޯޅައިގެ ހުރިހާ ކުޅުންތެރިން ވެސް ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، ޗައިނާއަށް ފުރާ ޓީމުގެ ކުޅުންތެރިން ވެސް ވާނީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

comment ކޮމެންޓް