ކުރިނބީ ސްކޫލު ޓީޗަރަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހދ. ކުރިނބީ ސްކޫލުގެ ޓީޗަރަކު، އެ ރަށު ގޮނދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ކުރިނބީ ކައުންސިލް މެމްބަރު މުހައްމަދު ޝާފީ މިރޭ "ސަން" އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ސްކޫލުގައި ބަޔޮލޮޖީ ކިޔަވައިދޭ އިންޑިއާ ޓީޗަރެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ޝާފީ ވިދާޅުވީ އަންހެން މީހާ އެންމެ ފަހުން ފެނުނީ ގައިގައި ބެޑް ޝީޓެއް އޮޅާލައިގެން ގެއިން ނުކުމެގެން ދަނިކޮށް ކަމަށެވެ.

"އިޝާ ނަމާދަށް ބަންގި ގޮވި ގަޑީގަ އެއީ. ދެން އެގޮތަށް ނުކުމެގެން ދިޔަތަން ބަޔަކަށް ފެނުނީމަ އެކަން އެންގީ ކައުންސިލަށް. ދެން ހޯދަމުން ދަނިކޮށް ފެނުނީ ގާތްގަނޑަކަށް 8:40 ހާއިރު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ. ލައްގާފަ އޮތް ކަހަލަ ގޮތަކަށް އޮތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ނަގައިގެން ހެލްތު ޕޯސްޓަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

ބެލެވެނީ އަމިއްލައަށް މަރުވީ ކަމަށް، ކޮޓަރިން ނޯޓެއް ފެނުނު

ޝާފީ ވިދާޅުވީ އަންހެން މީހާގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށާއި، އަމިއްލައަށް މަރުވީ ކަމަށް ބެލެވޭ ކަމަށް އޭނާ ދަންނަ ބައެއް ޓީޗަރުން ބުނެފައިވާ ކަމަށެވެ.

"ޓީޗަރުން ބުނަނީ އޭނައަށް ދިމާވާ ކަންތައްތައް ވަރަށް ޝެއާ ނުކުރާ ކަމަށް،" ޝާފީ ވިދާޅުވި އެވެ.

ޝާފީ ވިދާޅުވި ގޮތުގައި، ޓީޗަރު ދިރިއުޅެމުން ދިޔަ ކޮޓަރި ތެރެއިން ނޯޓެއް ވަނީ ފެނިފަ އެވެ. ނަމަވެސް އެ ނޯޓު ލިޔެފައި ވަނީ އެ ޓީޗަރުގެ ބަހުން ކަމަށް ވާތީ އޭގައި ލިޔެފައި އޮތް އެއްޗެއް ސީދާ ނޭނގޭ ކަމަށެވެ.

"އޭގައި ލިޔެފައި ވަނީ އެމީހުންގެ ބަހުން ކަމަށްވާތީ އެހާ ބޮޑަށް ނޭނގެ އޭގައި އޮތް އެއްޗެއް. އެކަމަކު އެ ނޯޓު ބެލި ބައެއް ޓީޗަރުން ބުނަނީ އޭގެން ފާހަގަވަނީ ފިރިމީހާއާ މައްސަލަ ޖެހިފައިވާ ކަމާއި ނަފްސަނީ މައްސަލަތަކެއް އޭނާގެ ހުރިކަން ކަމަށް. އަދި ފައިނޭންޝަލް ކޮންމެވެސް ވާހަކަތަކެއް އެ ނޯޓުގައި އޮތް ކަމަށް ވެސް ބުނޭ،" ޝާފީ ވިދާޅުވި އެވެ.

comment ކޮމެންޓް