ޗޮކްލެޓް ކްރަޝް 8

"މިތާ ކީއްކުރަނީ؟ " ނޯއާގެ މޫނު ރަތްކަމުން އަނގުރުކޮޅެއްފަދައެވެ.

"ވެޑިން ގިފްޓެއް ހިފައިގެން..." ކަޒްޔާ އެނދުމައްޗަށް އެއްލައިލީ ކަޅުކުލައިގެ ކަރުދާހުގައި ޕެކްކޮށްފައި އޮތް ކުޑަ ފޮށްޓެކެވެ. ނޯއާގެ ހިތުގައި އުފެދުނު ޝައުގު އެ ހުޅުވަން މަޖުބޫރުކުރުވިއެވެ. އެފެނުމާއެކު އޯކަށް ދަމައިގެންފާ ތެދުވުނެވެ. އަދި ފާރަށް ހުއްޓުނު ނަޒަރުން އޭނަގެ ލޯ މުދުނަށް އަރައިފިއެވެ.

"ޔޫ ލިޓްލް................................" ނޯއާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ލިޓްލް ކޯންޗެއްތަ؟ ހަދިޔާ މާ ކުޑަވީތަ. އައި ތިންކްޑް ލައިކް ވާނެއޭ........"

"އަގް.... ޑިސްގަސްޓިން. ސީރިޔަސްކޮށް ޔޫ އާ ކްރޭޒީ.........."

ފާރުގައި ހުރީ ފާޑުފާޑުގެ ދިރޭ ތަކެތީގެ ތަސްވީރުތައް ތަތްކޮށް ރީތިކަން ގެއްލުވައިލާފައެވެ. އޭނަ އޯސީޑީ ހުންނަނީކަން ނޭގެއެވެ. ކޮޓަރީގެ ކޮންމެ އެއްޗެއް ހުންނަންވާނީ ތަރުތީބުން އެއެއްޗެއް ބަހައްޓާތަނެއްގައެވެ. ފާރުގައި ޒާތް ޒާތުގެ ހޯނާއި ބޮކަށް ދާންދެން ކުރަހާފައި މިގޮތަށް ޖެއްސުންކުރުމުން މޭނުބައިކުރިއެވެ. އޭނައަށް ހަދިޔާކުރި ކުޑަފޮށިތެރޭ އޮތީ ފްރޭމެކެވެ. އެއީވެސް ކުރެހުމެވެ. ނަގޫނެތް ހޯނެކެވެ. އޯކަށް ދަމައިގަތްގޮތަށް އޭނަ ހޮޑުދުއްވާލައިފިއެވެ.ނޯއާއަށް ވީގޮތް ފެނުމުން ކަޒްޔާ އަވަހަށް ފާރުގައި ހުރި ތަސްވީރުތައް ނައްޓާލާފައި ބެކްޕެކަށް އެޅިއެވެ. ދޮރުމައްޗަށް އަރާ ބާރުބާރަށް ދީބާއަށް ގޮވައިގަތްއިރު އަޑުގައި އަވަސްކަމެއް ހުއްޓެވެ. އެމްބިއުލެންސް ސައިރެން އަޅާލިޔަސް ދީބާ އެހެން ދުވެފައެއް ނާންނާނެއެވެ.

މާހިރާއަށްވެސް އެ އަޑު އިވިގެން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދުވަމުން އައެވެ.

"ކަޒްޔާ ކިހިނެއްވީ..."މާހިރާ އެހިއެވެ.

"ހީ ވޮމިޓިން...." ކަޒްޔާ ދޮރަށް ލެނގިލައިގެން ބެކްޕެކް އަޅުވާލައިގެން ނިކަން މަޑުމަޑުން ހުއްޓެވެ.

"ކިހިނެއްވީ ނޯއާ..." މާހިރާ ކަންބޮޑުވިއެވެ.

"ވެޑިން ގިފްޓް ފެނިފައި. ހީ ޑިޑްންޓް ލައިކްޑް އިޓް....." ކަޒްޔާ ބުނެދިނެވެ.

"ދިވެހިން ވާހަކަދައްކަބަލަ...." ނޯއާ އަނގަ ދޮވެގެން އައިސް ތުވާލިން މޫނު ފޮހެލިއެވެ.

"ނޯއާ އިނގިރޭސިން ވާހަކަ ދައްކަން ދަސްކޮށްބަލަ...މިހާރު ގިނަކުދިން ދެބަހުން ދައްކާ..." ކަޒްޔާ ދިފާއުގައި ބުނެލިއެވެ.

"ފްލައިޓް ޑިލޭ ނުވިނަމަ...."ނޯއާ ކުދި ކިޔަމުން ހިގައިގަންނަމުން ރުންކުރު ރާގަކަށް ޒޭވިއާއަށް ގޮވަންފެށިއެވެ. އަދި އެނބުރިފައި މަންމައަށް ބަލައިލިއެވެ. "މަންމާ. ރޯދަ ރަގަޅުވާނެތަ؟ "

"ހޮޑު ނުބޮންޏާ އޯކޭވާނެ..."މާހިރާއަށް ވުރެ ކުރިން ކަޒްޔާ ޖަވާބުދިނެވެ. މިފަހަރު ނޯއާ ހޮޑުދުއްވައިލީ ކަޒްޔާގެ މޫނަށެވެ.

"ދަރިފުޅާ...." މާހިރާއަށް ގޮވައިލެވުނެވެ.

ކަޒްޔާ ވަރަށް ހަމަޖެހިލައިގެން ހުރެ ޓިޝޫއެއް ނަގާފައި މޫނު ފޮހެންފެށިއެވެ.

"ކަޒްޔާ ފެންވަރައިލާ......." މާހިރާ ތެތް ޓިޝޫއަކުން ކަޒްޔާގެ މޫނު ފޮހެލައިފިއެވެ. ހެދުމުގައިވެސް ހޮޑެވެ. ނޯއާ ހީލިގޮތުން ހީވީ އެހާ ބޮޑު ކާމިޔާބެއް އުމުރުދުވަހުވެސް ނުލައްވާހެންނެނެވެ. އެކަމަކު ކަޒްޔާ ހީވީ މީހަކު ސެންޓް އުގުޅާލަދިންހެންނެވެ. ކަންބޮޑުވެގެން އޭނަގެ މަންމަ ތެޅިގަތްއިރުވެސް ހީވަނީ ދުނިޔޭގައި ހުރި އެންމެ ހަމަޖެހޭ މީހާ ހެންނެވެ. ލިބުނު އުފާކޮޅު ވަޔަށް ބުރައިގެން ދިޔައީ އަދި ކަޒްޔާ ބުނެލި އެއްޗަކުންނެވެ.

"ރޭ ޕައިންއެޕްލް ކެއިންތަ؟ އަލަނާސިވަސް ހޮޑުގައި ދުވަނީ....."

ނޯއާގެ މޫނަށް ޖެއްސި ވައްތަރުން މާހިރާ ހިނިއަންނަގޮތްވިއެވެ.

"ކިތަންމެ މީރުވަސް ދުވިޔަސް ހޮޑު ތާހިރު އެއްޗަކަށް ނުވާނެ. އަވަހަށްގޮސް ފެންވަރާލާ.." މާހިރާ މަޑުމަޑުން ކަޒްޔާގެ ބުރަކަށީގައި އަތްއަޅާލައިފިއެވެ.

ކަޒްޔާގެ ޅަކަމާއި މޮޔަކަން މާހިރާއަށްވެސް ދެނެގަނަވުނެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް އޭނަގެ ފިރިހެންދަރިފުޅު ނޯއާއަކީވެސް އެންމެ ހަމަޖެހޭ މީހާއެއް ނޫނެވެ. ދެމީހުންނަށް ނޫނީ އެކީގައި އުޅެން ފަސޭހަ ނުވާނެއޭ މާހިރާގެ ހިތަށް އެރިއެވެ.

***

ޒޭވިއާއާއި ނޯއާ ފުރުމަކީ ކުޑަދެކުދިންނަށް ލެއްވި ރަހުމަތެކެވެ. ޚާއްސަކޮށް އަޒާލިއާ އުފަލުން ގޮތެއްނެތެވެ. ނޯއާގެ ކޮޓަރިއާއި އޭނަ ގެންގުޅޭ ސްނޯކޮޅެއްފަދަ ބުޅަލަށް ރަސްކަން ކުރާނެ ދުވަސްކޮޅެއް ލިބުނުކަމަށްޓަކާ ޝުކުރުވެރިވިއެވެ. ނޯއާގެ ބުޅާ "ބަބްލްސް"އާއި އޭނަވެސް ނިކަން ދޯޅެވެ. ނޯއާ ކަންނެތްކަމުން ގިނަފަހަރު އެ ބުޅަލަށް ކާންދީ ފެންވަރުވާ ފުނާ އަޅުވާ ދަރިއެއްހެން އޭނަ ބަލަހައްޓާ ދުވަސްތައް އާދެއެވެ. އެފަދަ ދުވަސްތަކެއް އައުމުން އަޒާލިއާވެސް އުފަލުގެ ކޮޅެއްނެތެވެ. ކަޒްޔާއަށްވެސް ބަބްލްސް ނިކަން ކަމުދިޔައެވެ. ފުރަތަމަ ފެނުމާއެކު ބައްދައިގަތީނުން އެސޮރުކިރިޔާ ސަލާމަތްވިކަމެވެ. އަޒާލިއާއަށް ގޮސް ހޫރައިލެވުނުއިރު ބަބުލްސްވެސް ހިމާޔަތުގައި ކަޒްޔާގެ ހެދުމުގައި ދަތްއަޅާ ވީދައިގެންފިއެވެ. އެކަމާހުރެ ކަޒްޔާ ދެރަވެފައި ދުވަމުންގޮސް އެގޭ ވަލާއި ދިމާލަށް ނުކުތެވެ. އަލަށް އެ ވާގަނޑު ފެނުމުން ގަޔާވެވުނެވެ. ބޮޑު އޮޅެއްގެ ތެރޭ ފެންގަނޑު ހެދިފައި އޮތްއިރު ބޮއްތައް ފަތާފައި އުޅެއެވެ. އަލަވަލުގެ ތެރޭގައި ކަނބިއްޔެއްވެސް ފިލާކުޅި ކުޅެމުން އުޅުނެވެ. އަލަފަތްތަކުގެ މަތީގައި ބޮޑެތި ޝަބްނަމް ތިކިތައް ހަރުލާފައި ހުރުމުން ނިކަން ނަލައެވެ.

"މި ބޮކާއިހެދި ރޭ ނުވެސް ނިދުނޭ. ހީކުރީ ނޯއާ ޖައްސައިގެން އުޅުނު މިއުޒިކެއްކަމަށޭ.." ކަޒްޔާ ފެންގަނޑުގެ އަރިފަށުގައި އިށީދެ ކަނބިއްޔާއި ބޮއްތަކުގެ ހަރަކާތްތަކަށް ބަލަން އިނީ ނިކަން ގަޔާވެފައެވެ. ކަރުދާސް ބޯޓެއް ގެނެސް ބޮއްތައް އަރުވާލައިގެން ދުއްވާލާހިތްވެ ޚިޔާލު އެހިސާބަށް ގެންދިޔަތަނާ އެއްފަރާތުގައި ހުރި ބިޔަ ޏަމްޏަމްގަސް ފެނުނެވެ. ގަސްބުޑުގައި ދޮންވެ ފައްކާވެފައި ދެތިން އެތި އޮތެވެ. ހައިރާންކަމާއެކު އެ މޭވާތަކަށް ބަލަން ހުރެފައި އެކަތި ބިދެލައިފިއެވެ. "ހާދަ ތަފާތު ފުރުޓެއް. މިކަހަލަ ފުރުޓް އަދި ނުވެސްކަން.."

ރޯދަމަތިން ހަދާން ނައްތާލާފައި ރަހަ ބަލައިލެވިއްޖެއެވެ. އެއާއެކު ކަންބޮޑުވެފައި އެ މޭވާ ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ.

"ޔާޔާ...ކޮންތާކު ތިއުޅެނީ؟ " އަޒާލިއާ ގޮވަންފެށި އަޑަށް ކަޒްޔާ ތެދުވުނެވެ. "ޓްރީ ދެން ދަނީ އިނގޭ. ބާއި..."

ކަޒްޔާ ވަލުތެރެއިން ނުކުމެގެން އައެވެ.

"ފްރޮގްސް ސިންގިން ކްރޯކް ކްރޯކް އަދި މިތާ އިން ކަބިއްޔެއް ވާހަކަދެއްކި. ހީ ޓޯލްޑް މީ ކުރުފުވައް ކުރު ފުވަކޯ ކަން ނޭގޭ . ބަނޑުފައިވެފައި ކަން ނޭގެއެއްނު. ދެން ފޯއް ކާހިތުން އުޅޭ ދޫންޏެއް. މިގޭގައި ފޯއް އެބަހުރިތަ އޭގެ ބަހުން ކާންދޭށޭ އެބުނީ..........." ކަޒްޔާގެ ސުވާލުން އަޒާލިއާއަށް ހެވުނެވެ. ކަބިލި ވާހަކަދައްކާ ކަމެއް އޭނަ ނުދަނެއެވެ. އަދި ދެން އެ ބުނީވެސް އާދައިގެ އެއްޗެއްވެސް ނޫނިއްޔާއެވެ. ހީފިއްޔާ ކަޒްޔާއަށް ކުށްހީއެއް ކުރެވިދާނެއެވެ. މަލާމާތްކުރީފަދަ އިހުސާސެއް ކުރުވައިފިއްޔާ ހިތުގައި ޖެހިދާނެއެވެ. އަޒާލިއާ ނުހޭންވެގެން ހުރެފައި އޭނައާއި ބުޅަލުގެ ފަރާތުން މާފަށް އެދުނެވެ.

***

ރަމަޟާންމަހުގެ ފަހު ދިހަ ދުވަސް ވޭތުވެގެން ދިޔައީ މުޅިންވެސް އަޅުކަމުގައެވެ. ލައިލަތުލް ގަދުރު ހޯދަން އަޒާލިއާ އެހާ ޅައުމުރުގައިވެސް މަސައްކަތްކުރިއެވެ. ޖަންނަތަށް ދާން ބޭނުންވަނީ އެކުވެރިން ގޮވައިގެންނެވެ. ކަޒްޔާ ނިދަން އުޅުނަސް އަޒާލިއާ ވިސްނަދިނީމަ ނިދިޖެހ އިނދެވެސްިވެސް ކަޒްޔާ ބައިވެރިވެއެވެ. ރަމަޟާންއަށް އޮތް ލޯތްބެއްގެ ސަބަބުން އަލްވަދާއު ކިޔަން ބޭނުންނުވިޔަސް ކަލެންޑަރުން ދުވަސް ފާއިތުވީ ބަސްބުނާހިނދުކޮޅު ތެރޭގައެވެ. އެމަހުގެ ދަރުމައާއި ސަވާބު ހޯދުނުމީހަކު ހޯދާ އިސްލާހުވީ މީހުން އުޅުނުއިރު ބައެއްމީހުން ވަގުތު ފާއިތުވީތީ ހިތާމަކުރިއެެވެ. އަލުން ރަމަޟާންމަހެއް ދެކޭނެކަމުގެ ޔަގީންކަމެއް އޮތީއެއްނޫނެވެ. ޔަގީންކަން އޮތީ މަރާއި ބަރުޒަޚު އާލަމާއި އާޚިރަތާއިމެދުގައެވެ. އަޒާލިއާއާއި ކަޒްޔާ އަޅުކަމާއިގެން އުޅެމުން ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. ކަޒްޔާ ކޮންމެ ދުވަހަކުހެން އޭނަގެ ބައްޕަމެންނަށް ގުޅާ ވާހަކަދައްކައެވެ.އަދިވެސް ކާފަގެ ފަރުވާ ނިމޭނެދުވަހެއް ނޭގެއެވެ.

އީދު ވިލޭރޭ އެގޭގައި ފޯރިއެއް އޮތެވެ. އަންހެންވެރިން ތަފާތު ވައްތަރުގެ ކާ އެއްޗެހި ހެދުމުގެ ފޯރިގަނޑުގައި އުޅުނުއިރު ކަޒްޔާ ދޭތެރެއަކުން ބަދިގެއަށް ވަދެ ރަހަ ރަގަޅުތޯ ބަލައިލައެވެ. ނޯއާގެ ބުޅާ އުރާލައިގެން ހުރެ ބަދިގެއާއި ކައިރިނުވާން ހީނާ ޚާން އަންގާފައިވާތީ ކޮންމެ ފަހަރަކު އޭނަ ޖެހެނީ ބުޅާ ކޮޓަރިއަށް ލާށެވެ.

"ބުބުޅި...ހީނާދައްތަ ރުޅިދުރުވާނެ. މީރު މެޓާ އެއްޗެހި ގެނެސްދޭނަން ބަސްއަހައިގެން އޮންނައްޗޭ. ބާއި ބުބުލްސް" ކަޒްޔާ ބުޅާ ކޮޓަރިއަކަށް ލާފައި ދޮރު ލެއްޕިއެވެ.

ބަދިގެއަށް ވަންތަނުން ހީނާ ފިޔާ ބޯތަށްޓެއް ގެނެސް ކަޒްޔާއަތަށް ދިއްކޮށްލައިފިއެވެ. ކަޒްޔާގެ މޫޑު ޚަރާބުވިއެވެ. އިރުގަނޑެއް ނުވެ އަތުގައި ޗިލީސޯސް ލައިގެން އަތް ކެނޑުނުކަމަށް ހެދިގެން ބޭސްމަލަންގަނޑު އަޅައިގެން ނުކުތެވެ. ސިޓިންރޫމްގައި މާމަމެން ދުންއަޅަން ތައްޔާރުކުރަނީއެވެ.މުޅިގޭތެރޭގައި އޫދުގެ ވަހެވެ. ކަޒްޔާ ދުންއަޅާހިތްވިއެވެ.މާމައަށްވެސް އެނގިފައި އޮތީ ކަޒްޔާއަކީ އަޒާލިއާގެ އެކުވެރިއެއްކަމުގައެވެ.

"މާމާ. އަޅުގަނޑު އަތަށް ދެއްވާ..." ކަޒްޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.

"އެންމެ ރަގަޅު ކަނބުލޮ ބޭނުންގޮތެއް...." މާމަ އަވަހަށް ދުންއަޅަން ގެންގުޅޭ މީރުވަސް ދުވާ ދަނޑިކޮޅުތައް ދިނެވެ. އަދި ކަޒްޔާގެ ނިތްކުރިއަށް ބޮސްދިނެވެ."އީދު ވިލޭރޭވީމަ މުޅިގޭގައި ދުން އަޅަންވާނެ...މީރުވަސް ދުވަން ޖެހޭނެ. މިޒަމާނު ކުދިން ހަދާގޮތަށް ފާޑުފާޑު ބޭސްޒާތު އެއްޗެހިން ނެސްޕްރޭކޮށް މިހެން ހެދީމަ މާމަމެން ނޭވާލާންވެސް އުދަގޫވޭ.."

"ނެސްޕްރޭއަކީ ކޯނޗެއްތަ މާމާ..." ކަޒްޔާ ލޯކުޑަކޮށްލިއެވެ.

"ސްޕްރޭ ކުރާ ވާހަކަ. އެއާ ފްރެޝްނާ......." އަޒާލިއާ އޭނަ ގެނައި ހެދުން ގައިގާ ޖެއްސިއެވެ. "މާމައަށް މިހެދުން ރީތިތަ؟ "

"އާނ ކަޝްމީރީ ފަށުވި ހެދުން...." މާމަގެ ލޯވެސް ވިދައިލިއެވެ. ފިޔާތޮށިކުލައިގެ ޕާކިސްތާނު ހެދުމުގައި ރަނުން ޖަރީކޮށް ކުދި މުތީތައް ފަދަ އެސްޖަހާލާފައިވާއިރު ނިކަން ވިދައެވެ. އަޒާލިއާއާއި ނިކަން ގުޅޭނެއެވެ.

"ޔާޔައަށްވެސް މީގެ އޮރެންޖްކުލަ ލިބުނީ...މަންމަ އަމިއްލައަށް ފަހައިދިނީ. ހިނގާ ޔާޔާގެ ހެދުން ބަލައިލަން........ޔޫ ވިލް ލަވްއިޓް..ޖަމާއަތުގައި އީދު ނަމާދަށް ދާހިތުން ކެތްނުވޭ. އަދި ކަޝްމީރުގައި އާއިލާ ބޮޑުވީމަ ހާދަ މަޖަލޭ އެކަމަކު މިހާރު ދެން ހަގުރާމައާއިހެދި އެތާ އުޅެން ބައްޕަމެން ބޭނުންނުވީ............" އަޒާލިއާ ބުނެލިއެވެ.

ދެކުދިން ވާހަކަދައްކަމުންގޮސް ވަނީ ހީނާޚާންގެ ކޮޓަރިއަށެވެ. އެހެދުންތައް ހުރީ އެކޮޓަރީގައެވެ. އެކޮޓަރީގައިވެސް މުށިކުލައިގެ ފަރުނީޗަރުތަކާއި އެކުލައިގެ ދޫލައެކެވެ. ކަޝްމީރުގެ ސްޓައިލަށް ދޫލައާއި ކުޝަންތައް ޖަހާފައެވެ. އެނދުމަތީގައި އޮތް ކޮތަޅު ނަގާފައި ދިއްކޮށްލިއިރަށް އެހެން ލާފައި ދަމުން އެކަކު ބޯދިއްކޮށްލައިފިއެވެ. އަޒާލިއާއަށް ނޯއާ ފެނުމާއެކު ލިބުނ އުފަލުން ހަޅޭއްލަވައިގަނެވުނެވެ. ނޯއާމެން ނެތިއްޔާ އީދު ފަޅުވާނެއެވެ. އީދުގެ ފޯރި ކުޑަވާނެއެވެ. އީދު މުބާރަކު ކިޔަމުންގޮސް ނޯއާގެ ގައިގާ ހިފައިގަނެވުނުއިރު ކަޒްޔާވެސް އަޑުބަރުކޮށްފައި އީދު މުބާރަކު ކިޔާލިއެވެ.

"ހެޔޮނުވާނެ. މަޑުން ވާހަކަދައްކާ...އީދު ފަޓާހެއް ގޮއްވައިލިހެން ކަންފަތް ބައްވެއްޖެ..." ނޯއާ ލޯއަޅައިލިއެވެ.

"ކޮން ވަހެއް މިދުވަނީ؟ހަންޑިން އުޅެންޏާ ކެމިކަލް ބާނިން ވައްތަރެއްގެ ވަހެއް ދުވާނެ........ހަންޑިއެއް އުޅެނީތަ.... "ނޯއާ ނޭފަތް ގުރުޑުކޮށްލިއެވެ.

"ދޮންބޭ......" އަޒާލިއާ ކަންބޮޑުވިއެވެ."އޫދުވަހެއް ނު ދުވާނީ...."

ކުއްލިއަކަށް ނޯއާގެ އަވަސް ހަރަކާތަކާއެކު ކުރިއަށް ޖެހިލާފައި ކަޒްޔާގެ ބުރުގާ ދަމައިގަތެވެ. ނީވުނީއެއް ނޭގުނު އަޒާލިއާގެ ތޫނު ހަޅޭކުގެ އަޑު ތަނުގައި ހިފައިލިއެވެ. ކަޒްޔާގެ ބުރުގާ އެނދުމަތީ ޖެހުނުގޮތަށް އެތަނުން ފެނުނީ އަލިފާނުގެ ހުޅުތައް ދޫފަދައިން ނެރެ ހުރިހާ ތަކެއްޗެއް ދިރުވައިގަންނަން އުޅުނުތަނެވެ. ކަޒްޔާއާއި ނޯއާ އަށް އެއްފަހަރާ ދުއްވައިގަނެވުނީ އެނދާއި ދިމާލަށެވެ. އަދި ފާޚާނާއަށްވަދެ ތެތް ރަޖާއެއް ގެނެސް އެނދުމައްޗަށް އެއްލާލައިފިއެވެ.

"އާންޓްއަށް ކާކު ކުރިކަމެއްކަން އެނގިއްޖެއްޔާ މި އެއްޗެއްސާއެކު ހަފޫޓު އަޑިއަށް ފޮނުވައިލާނެ..." ނޯއާ ގެ ޖުމްލަ އަމާޒުވީ ކަޒްޔާއަށެވެ.

"އެހެންވިއްޔާ އެކަނިވެރިކަންފިލާނެ... ޔޫ ބަރީޑް ވިތު މީ...." ކަޒްޔާ ދޫ ނެރެލިއެވެ. އަދި ބަޚޫރު ނެގިއެވެ. މޫނުގައި ނުޖެއްސީ ކިރިޔާއެވެ."މާމަ ނުލާހިކު ލޯބިންނޭ މި ދިނީ. މިހާރު ކާކު އައީމަ މިތާ ރޯވީ. ގަސްތުގައި ބާންޑް ކޮށްލީ..."

"ކިހިނެއް މިވަނީ؟ "ދޮރުމަތިން ހީނާގެ އަޑު އިވުނެވެ."ކޯނޗެއް ވިރާ ވަސް މިދުވަނީ؟"

މީހަކަށް އެއްޗެކޭ ނުބުނެވެނީސް އޭނަގެ ތޫނު ލޮލުގެ ސްކްރީނަށް އެނދުމަތި އަރައިފިއެވެ. ދުން އަރަމުންދާތަން ފެނުނުއިރު ގޮސް ތެތް ރަޖާ ދަމައިގަނެވުނެވެ. އޭނަގެ އީދު ހެދުމުގެ މޭމަތިން ވިރާ ހެދުން އެއްކޮށް ހަލާކުވެއްޖެއެވެ. ހީނާ ކަޒްޔާއާއި ދިމާލަށް ބަލައިލުމާއެކު ބުރުގާ ނެތުމުން ފުރަތަމަ ނުވެސް އެނގުނެވެ. މިއީ ކާކުހެއްޔޭ ހިތަށްއެރިއެވެ. ބޮބްކަޓެއްނަގާފައި ހުރުމުން ކުޑަ ފިރިހެންކުއްޖެކޭ ހިތަށް އެރިއިރު ނޯއާއަށްވެސް ހުރެވުނީ އަނގަޔަށް ގޮތެއް ހެދިފައެވެ.

"އާންޓީ. އަހަރެން އަތުންނޭ ހެދުން ހަލާކުވީ.."

"އެކަމަކު މާމަ ބުންޏޭ މިކުއްޖާ ބަޚޫރު އަތުލައިގެން ދުން އަޅަން އައި ވާހަކަ. ނަސީބެއްނު މުޅިގެ އަންދާނުލެވެނީސް އާދެވުނުކަން. އެހެން ހިތަށް އަރާފައި ހޯދަމުން މިއައީ......" ހީނާ ޚާން ނޯއާގެ ބަހަށް އިތުބާރެއްނުކުރިއެވެ.މިކަހަލަ ކަމެއް ކުރާނީ ކަޒްޔާކަން އޭނަގެ ވިސްނުމުން ދެނެގަތެވެ.

"ގޫގުލްކޮށްލިއިރަށް ފެނިއްޖެއެއްނު. ސްޕައިއަކަށްވުރެ އަހަރެމެންގެ އާންޓީ އެންމެ ތަންފުކެއްވެސް ދެރައެއްނުވާނެ.."

"ބޭބޭ...ބޭބޭ..." ހީނާ ޚާން ޝަކުވާއާއިގެން ދުއްވައިގަތެވެ. އެހިސާބުން ޝަރީއަތް ނިންމައިލާކަށް އޭނަ ބޭނުމެއްނުވިއެވެ.

"ސީރިއަސްކޮށް ދޮންބެ މައްސަލަޖައްސަބަލަ. ވައި ޔޫ މެރީޑް އެ ޗައިލްޑް؟ ދެން ފޯޓީންވިޔަސް ބައެއްކުދިން ބޮޑުކޮށް ތިބެނީ. އޭނަގެ ހުރޭ ލެވީ ކިޔާ.........." އަޒާލިއާ ނޯއާއާއިއެކު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނޯއާ ޖީބުން ނެގި ޗޮކްލެޓެއް ކަނޑާލާފައި އަޒާލިއާގެ އަނގައިގާ އެކަތިކޮޅު ލައްވާފައި ބޮޑު ތަންގަނޑެއް އަނގަޔަށް ލިއެވެ. "މްމްމމްމް.....ކުޑަޔަސް މައިންޑް މެޗުއާ ދޯ..އެހެންވެތާ ބޯއިފްރެންޑެއް ގެންގުޅޭނީ. ނަމަކީ ލެވީތަ؟"

"އެހެން ނުބުނަމެއްނު..." އަޒާލިއާ ހިންދިރުވައިލިއެވެ.

"ދޮންބެ ކޮންމެހެން މެރީނުކުރިޔަސް ކުޑަކުއްޖަކަށް އަދި މިގޭގައި އުޅެވޭނެއްނު. ބައްޕަމެން ކަންބޮޑުވީ އަސްލު ހިލޭ ފިރިހެނުން ކުރިމަތީގައި ޔާޔާ ބުރުގާ އަޅައިގެން އުޅެން ޖެހޭނެތީ. ކުޑަކުދިން އޯކޭވާނެތާ. މިބުނަން އުޅެނީ ޔޫ ކާންޓް ބީ މެރީޑް ޓު އަ ޗައިލްޑް. ދީނުގައި ހުއްދައެއްވެސް ނުވާނެ. ދޮންބެއަށް ފިރިހެންކުއްޖެކޭ ހީކުރެވެނީވެސް އެހެންވީމައެއްނު. އިސްތަށިގަނޑު އެހެން ކޮށާލަފައި އޮތަސް ބޯއިއަކަށް ނުވާނެ. އަޑުވެސް އަދި ހީވަނީ އަންހެން ހޯމޯން ނެތީމަހެން އެހާ ހިމަނުވަނީ. އެކަމަކު ހަމަ އަޑު ރީތި..........................." އަޒާލިއާ ހަށަން ބަދެލިއެވެ.

"ކޮންތާކު. ބޮކުގެ އަޑުވެސް މަށަށް މާރީތި.."ނޯއާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.،

"ކީއްވެ ސީރިޔަސް ނުވަނީ؟" އަޒާލިއާ އެހިއެވެ.

"އަހަރެން އަންހެނަކާ ފިރިހެނަކާ އަދި ކުޑަކުއްޖަކާވެސް ނީންނަމޭ. އަމިއްލައަށް ކުރިކަމެއް ނޫނެއްނު. ސޯ ކީއްވެ ކަންބޮޑުވާންވީ. ލޫލޫ. ތަންކޮޅެއް ގިނައިން ޗޮކެލްޓް ކައިބަލަ. ސްޓްރެސް ފިލާނެ. އޭނަ ގެ ބައްޕަ އަންނަންދެން މިގޭގައި ބަހައްޓާ. އޭގެ ކުރިން އެކަމަކު މިގެ ގޮއްވާ ނުލައިފިއްޔާ ރަގަޅު."

"ޗައިލްޑްއެއް ވީމަ އަމިއްލަ ބުރުގާ ވިރިގެން ރޯވެގަތްއިރުވެސް ނޭގުނު. ﷲއަކްބަރު. އެހެންވީމަ ޔާޔާ އުޅޭގޮތް ގާތުން ސުޕަވައިޒްކުރަން ޖެހޭނެ......" އަޒާލިއާ ކަންބޮޑުވެގެން ދުއްވައިގަތެވެ. "ޔާޔާ.......ޔާޔާ...."

އެދިޔަ ބާރުމިނުގައި ގޮސް ޖެހިގަނެވުނީ ކޮރިޑޯއިން ލަނބައިލި ޒޭވިއާގެ ގައިގައެވެ.

"ތަނެއްގައި ރޯވީތަ؟ " ޒޭވިއާއަށް ނޭގިވެސް ބުނެވުނީ ރަގަޅަށެވެ.

"އާން ނޫން...."އަޒާލިއާ އަވަސްވެގަތީ ޒޭވިއާއަށް ފިލުމަށެވެ. އެހެންގޮސް ޖެހުނީމަ އޭނަ އަދި ހާސްކަމުގެ ކޮޅެއްނެތެވެ. މޫނުގައި ސެންޓުވަސް ހަރުލައިފިއެވެ.

***

އީދުދުވަހު އެންމެން ޒީނަތްތެރިވެގެން އަތަރާއި ސެންޓުވަހުން މުޅިގެ ހުވަދުލައިފިއެވެ. ކަޒްޔާ ދެތިންފަހަރު ކާކޮޓަރިއަށް ވަދެ ސުފުރާއަށް ލޯ ހިންގައިލިއެވެ. ތަފާތު ވައްތަރުގެ ޕޭސްޓްރީއާއި ފިހެ އަދި ތެލުލާފައިވާ މީރު އިންޑިއަން އަދި ދިވެހި ކެއުމާއި ބުއިންތަކެވެ. ނޯއާ ކަންނެތްކަމުން ނުތެދުވެ އޮތްވާ އޭނަގެ މަންމަ ގޮސް ހަޅޭއްލަވާ އެތައް ވަރުން ތަންމަތިން ނެގިއެވެ. ފާޚާނަމަތީގައިވެސް ލޯ މެރިމެރި އިނދެ ފެންވަރާ ނިމުމުން ކޮންމެވެސް ވަރަކަށް ކަންނެތްކަން ފިލިއެވެ.ފެންޑާއަށް ނުކުމެފައި އެކަކު އަނެކަކަށް އީދު ސަލާމްކުރަމުން ދިޔައީ އުފަލާއެކުގައެވެ. މުޅި ގޭގައިވަނީ "އީދު ވައިބް"އެވެ.

އީދު ނަމާދަށް ދާން ނިކުތްއިރު އުޑުމަތި ބަނަކަމުން ދެންމެ ދެންމެ ވެހިގެންފާނެހެން ހީވިއެވެ. އެންމެން އެކީ ހުސްބިމާއި ދިމާލަށް ހިނގައިގަތްއިރު ކަޒްޔާއާއި އަޒާލިއާ އެންމެ ފަހަތުގައެވެ. އެމީހުންނަށްވުރެ ތަންކޮޅެއް ކުރީގައި ނޯއާއާއި ޒޭވިއާއެވެ. ހަލީމާވެސް އެރިއިރާއެކު އެގޭގައި ހުރެގެން އެގޭ މީހުންނާއެކު ނަމާދަށް ދާން ބައިވެރިވިއެވެ.

"ޗޮކްލެޓް ވައިބްސް... ރީތި ނަމެއް...ވާއު..."ނޯއާއަށް ބާރަށް ބުނެވުނެވެ.

"ކީކޭ ޗޮކްލެޓް ވައިބް ކޮންތާކު ވިއްކަން ހުރީ...." ކަޒްޔާ ދުވެފައިގޮސް ނޯއާ އާއި އަރާ ހަމަކުރަން އުޅުމުން އަޒާލިއާ ހެދުމުގައި ހިފާ ހުއްޓުވިއެވެ.

"ޔާޔާ. ބިހޭވް. ބޮޑެތި މީހުން ވާހަކަދައްކާއިރު އަނގަ ނުބާނާ..."އަޒާލިއާ އެދުނެވެ.

"ތެދެއް. ނޫނީ އަނގަ ފަހައިލަން ޖެހިދާނެ.." ނޯއާ އެނބުރިލާފައި ލޯ އަޅައިލިއެވެ. އެވަގުތު ހަލީމާގެ ސޯފީ ދުވަމުން ދުވަމުން އައިސް އެމީހުންނާއި އެއް ހަމައަކަށް އެރިއެވެ." ކަޒްޔާ. ޔޫ އާ ސޯ ލަކީ. ހާދަ ހޮޓް ގައިސް..މަވެސް ތިގޭގައި ބަހައްޓަންވީނު...."

ސޯފީ ތަންކޮޅެއް ބާރު ހެދުމަކާއިއެކު ޖިންސެއްލައިގެން މޭކަޕްކޮށްލައިގެން ހުރިއިރު ބޮލަށް ބުރުގާއެއް މަހާލާފައި އޮތެވެ.

"އާ ތިބުނީ ތެދެއް. ނޯއާ ހޮޓްކަމުންގޮސް ރޭ މަގޭ ބުރުގާވެސް ބާން އެންޑް ޑައިޑް.. މަ ބުނީ މިފަހަރު ވާރޭ އީދަކަށްވާން މިއުޅެނީ.ތިގޭގައި ކޯނޗެއް ހެދީ. އަހަރެމެން ގޭގައި އިންޑިއަން ފުޑް ކަހަލަ މީރު އެއްޗެއްސާއި ޕިއްޒާ ..."

ނުނިމޭ

comment ކޮމެންޓް