ކުރިއަށް އޮތީ މޫސުން ވަރަށް ގޯސް ތިން ދުވަސް، ސަމާލުވޭ!

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަން ފެށި ވިއްސާރައާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފަ އެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގެއްލުންތަކެއް ވަނީ ވެފަ އެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އައްޑޫ ސިޓީގެ އަވަށްތަކަށެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އަދި އޭގެ ފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

މެޓުން ބުނީ އެ ކޮޅިގަނޑު އުތުރުހުޅަނގުއުތުރަށް ރާއްޖެއާ ދުރަށް ޖެހެމުން ދާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި، ހާއްސަކޮށް އުތުރާ މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ އާންމުގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް، އަދި ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް