އެތެރޭގެ ހަމަނުޖެހުންތަކާ އެކު އިސްރާއީލުވަނީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި: އިސްރާއީލުގެ ރައީސް

އިސްރާއީލުގެ ރައީސް

ޣައްޒާ (މޭ 13) : އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދޭ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ޔަހޫދީން، އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އެގައުމުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނަށް ވަރުގަދަ ޙަމަލާތައް ދޭން ފެށުމުން އިސްރާއީލު އޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށް އިސްރާއީލުގެ ރައީސް ރެއުވެން ރިވްލިން ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން އިސްރާއީލުގެ ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތައް އިތުރުވަމުންދާތީ ކަންބޮޑުވެވަޑައިގެން ރިވްލިން ވިދާޅުވީ އިސްރާއީލުގެ އެއްބަޔަކު އަނެއްބަޔަކަށް ޙަމަލާދީ އިސްރާއީލުގެ އެތެރެ ގަޑުބަޑުވަމުންދަނީ ކަންބޮޑުވާ މިންވަރަށްކަމަށާ މިގޮތަށް ދާކަމަށްވާނަމަ އިސްރާއީލުގައި ދާޚިލީ ހަނގުރާމައެއް ފެށެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމުގަ އެވެ. މިއީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ޙަމަލާތަކަށްވުރެ މާނުރައްކާތެރި ކަމެއްކަމަށް ރިވްލިން ވިދާޅުވި އެވެ.

ޔަހޫދީ ވަޒަންވެރިންނަކީ ދުނިޔޭގެ އެކިގައުމުތަކުން އިސްރާއީލަށް ހިޖްރަކޮށްގެން އުޅޭ ހަރުކަށި ޒަޔަނިސްޓް ޔަހޫދީން

ޔަހޫދީ ވަޒަންވެރިންނަކީ ދުނިޔޭގެ އެކިގައުމުތަކުން އިސްރާއީލަށް ހިޖްރަކޮށްގެން އުޅޭ ހަރުކަށި ވިސްނުމުގެ ޒަޔަނިސްޓް ޔަހޫދީންނެވެ. އިސްރާއީލުން މިފަދަ ހަރުކަށި ޔަހޫދީން ވަޒަންވެރިކުރުވާފައިވާ ތަންތަނުގެ ތެރޭގައި މިހާރު އިސްރާއީލުގެ ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ފަލަސްތީނުގެ ބިންތަކާއި އިސްރާއީލުން ވެރިވެގެންފައިވާ ކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ދެކޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ހިމެނެ އެވެ.

އިސްރައީލުގެ އަރަބިންނާއި އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގަނީ

އިސްރާއީލުން 1967ގެ ހަނގުރާމައިގާ ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގުދްސުގައި ވެސް މިފަދަ ބޭރުގައުމުތަކުގެ ދޮޅު މިލިޔަން ޔަހޫދީން ވަނީ ވަޒަންވެރި ކުރުވާފަ އެވެ. އިސްރާއީލުގެ ފަލަސްތީނު ދަރިކޮޅުގެ މީހުންނަކީ 1948 ވަނައަހަރު ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއްގައި އިސްރާއީލެވެކިޔާ އިސްތިއުމާރީ ދައުލަތް އުފެއްދިއިރު އެބިންތަކުން ބޭރުކޮށްނުލެވި ތިބި ފަލަސްތީނު މީހުންނެވެ. އެމީހުންނަށް ކިޔަނީ އިސްރާއީލުގެ އަރަބިންނެވެ.

އިސްރާއީލުގެ އަރަބި ދަރިކޮޅުގެ (ފަލަސްތީނު ދަރިކޮޅުގެ) މީހުންގެ އަދަދު 2 މިލިޔަނަށް އަރާއިރު އެއީ އިސްރާއީލު އާބާދީގެ 23 ޕަސެންޓް

އިސްރާއީލުގެ އަރަބި ދަރިކޮޅުގައި ހިމެނޭ ފަލަސްތީނު ރައްޔިތުންގެ އަދަދު ދެ މިލިޔަނަށް އަރާއިރު އެއީ އިސްރާއީލުގެ އާބާދީގެ 23 ޕަސެންޓެވެ. އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލުގެ ފަލަސްތީނު ދަރިކޮޅުގެ މީހުންނާ ދެމެދު އިސްރާއީލުގެ އެތަށް ސަރަހައްދެއްގައި އިއްޔެއިން ފެށިގެން ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

މިކުރިމަތިލުންތަކުގައި ޔަހޫދީ ވަޒަންވެރިއަކު ބަޑިޖެހުމުން ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލުގެ ޒުވާނަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. މިހަމަލާއަށް ފަހު އިސްރާއީލުގެ އެތެރޭގެ މަސްރަހު ހޫބނުވުމުން އިސްރާއީލުގެ ކާން ޓީވީ ޗެނެލް އަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ރައީސް ރިވްލިން ވިދާޅުވި ގޮތުގައި މިއީ އިސްރާއީލުގެ މަގުތަކުގައި ދާޚިލީ ހަނގުރާމައެއްގެ ފެށުމެވެ.

މި ކުރިމަތިލުން ފުޅާވެއްޖެ ނަމަ ފަލަސްތީނު ދަރިކޮޅުގެ މީހުންގެ ދިފާއުގައި ފަލަސްތީނުގެ ޖަމާއަތްތަކުން އެހީތެރިވެދާނެކަމުގެ ބިރު އޮތުމުން މިއީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމައްޗަށް އިސްރާއީލު ވެއްޓުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

ޙަމާސް ޖަމާއަތުގެ ބައެއް ކޮނާޑަރުން ޝަހީދުވެއްޖެ

އަނެއްކޮޅުން އިއްޔެއާއި ރޭގެ ވަގުތުތަކުގައި އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ޣައްޒާގެ ތަންތަނަށް ދިން 500 އަށްވުރެ ގިނަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 26 މީހުންވަނީ ޝަހީދުވެފަ އެވެ.

މި ޙަމަލާތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ބައެއް ކޮމާންޑަރުން ހިމެނެ އެވެ. މީގެތެރޭގައި ހަމާސްގެ އިސްކޮމާންޑަރަކު ވެސް ހިމެނެ އެވެ. ހަމާސް ބުނާގޮތުން އެޖަމާއަތުގެ މުޖާހިދުން ތިބީ އިސްރާއީލުގެ އިސްތިއްމާރާ ހަނގުރާމަކޮށް ގައުމުގެ މިނިވަންކަމަށް ޓަކައި ޝަހީދުވާން ތައްޔާރަށެވެ.

ޙަމާސްގެ ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ ވެރިރަށުގައި އަލިފަން ރޯވެފައި

އެހެންކަމުން މުޖާހިދުން ޝަހީދުވިޔަސް އަދި މުޅި ގައްޒާ ފުނޑުފުނޑު ކޮށްލި ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދު ކުރިޔަށް ގެންދާނެއެވެ. މިގޮތުން އެތަށް މަހަކަށް ހަމަލާތައް ކުރިޔަށް ގެންދިޔުމުގެ އަސްކަރީ ގާބިލްކަން ލިބިގެންވާ ކަމަށްވެސް އެޖަމާއަތުން ބުނެއެވެ.

އިސްރާއީލަށް އެއްހާހަށްވުރެ ގިނަ ރޮކެޓް ހަމަލާ

އިސްރާއީލުގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ އިސްރާއީލުގެ ރައްތަކަށް އެއްހާހަށް ވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ ދެ މީހުން މަރުވެ، 30 މީހުން ޒަޚަމްވި ކަމަށާ އިސްރާއީލުގެ އެތަށް ރަށެއްގައި އެތަށް އިމާރާތެއްގައި ހުޅުރޯވެފައިވާކަމަށާ މީހުން ތިބީ ބިންގަރާސްތަކުގައި ކަމަށް ޚަަބރުތައް ބުނެ އެވެ.

comment ކޮމެންޓް