ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒް 16 ހަފްތާ ފަހުންވެސް ޖެހޭނެ

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ޖެހުމާއި ދޭތެރޭ 16 ހަފްތާގެ ދުރުމުން ބެހެއްޓިދާނެ ކަމަށް ޓެގް ޓީމުން ބުނެފައިވާކަމަށް ހެލްތު އިމަޖެނސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިރޭ ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަށް ބެލުމަށްފަހު ކަމަށެވެ. އޭގެ ތެރޭ ސްޕެއިން އާއި ކެނެޑާ ފަދަ ގައުމުތައް ހިމެނޭ ކަމަށް މަބުރޫކު ވިދާޅުވި އެެވެ.

އެ ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތްދުވަސްތަކުގައި ޓެގް ޓީމުން ހިއްސާ ކުރާނެ ކަމަށް ވެސް މަބްރޫކު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކޮވިޝީލްޑުގެ ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8-12 ހަފްތާ ފަހުންނެވެ. ނަމަވެސް ދިމާވާ ހާލަތެއްގެ ސަބަބުން އެ މުއްދަތުގައި ވެކްސިން ނުޖެހިއްޖެ ނަމަ އޭގެ ފަހުންވެސް ވެކްސިން ޖަހައިދެ އެވެ.

މާލޭގައި މިހާރު ކޮވިޝީލްޑް ވެކްސިން ދެނީ ހާއްސަ ހާލަތްތަކުގައި އެކަންޏެވެ. އާންމުކޮށް އެ ވެކްސިން ޖެހުން ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް ސައިނޯފާމް ވެކްސިންގެ ދެ ޑޯޒްވެސް އާންމުކޮށް ހުޅުވާލައިގެން ދެއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން 60 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދޭއިރު ރަޝިއާގެ ސްޕަޓްނިކް ވެކްސިނަށް ރާއްޖެއިން މިއަދު ވަނީ ހުއްދަ ދީފައެވެ.

comment ކޮމެންޓް